ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުވައްޒަފުން ތަމްރީނުކުރަން ބީއެމްއެލް އިން އެސްއެމްޔޫ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންގެ ލީޑާޝިޕް ތަރައްގީކުރުމަށާއި ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ (އެސްއެމްޔޫ) އާއެކު ސްޓްރެޓީޖިކް ގުޅުމެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ބޭންކުގެ މުވައްޒަފުންގެ ކުރިއެރުމަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނުތަކެއް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

މި އިއްތިފާގުގެ ދަށުން ބީއެމްއެލް އެކެޑަމީ އާއި އެސްއެމްޔޫގެ ޕްރޮފެޝަނަލް ތަމްރީނަށް ހާއްސަ އެސްއެމްޔޫ އެކެޑަމީއާ ދެމެދު މިހާރު ވެސް އޮތް ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ބޭންކުން ބުނެއެވެ. ބީއެމްއެލް އެކެޑަމީއަކީ ބޭންކުގެ މުވައްޒަފުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް އުފައްދާފައިވާ އެކެޑަމީއެކެވެ.

އެސްއެމްޔޫއިން ބީއެމްއެލްގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި މަސައްކަތުގެ ތެރެއިން މައުލޫމާތާއި ހުނަރު ބަދަލުކުރެވި، ބޭންކުގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.

އެ އެއްބަސްވުމުގެ ސަބަބުން ފެންވަރު ރަނގަޅު ތަމްރީނު ފުރުސަތުތައް ފުޅާކުރުމަށާއި މެދުނުކެނޑި ފަންނީ ކުރިއެރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުމަށް ބީއެމްއެލް އެކަޑަމީއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްގީވެގެންދާނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި ޕާޓްނާޝިޕުން ރަނގަޅު ލީޑަރުން ބިނާކުރުމަށާއި ބޭންކުގެ ހުރިހާ ދާއިރާއެއްގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތައް ހާމަވެގެންދާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން އިގްތިސާދު ބައްޓަންކުރުމުގައި ބޭންކުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް ބިނާކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ސްޓްރަކްޗާޑް ތައުލީމީ ޕްރޮގްރާމްތަކެއް ކަމަށެވެ. މިއާއެކު އިގްތިސާދުގެ މުސްތަގުބަލުގެ ލީޑަރުން ބާރުވެރިކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އަހަރު އެސްއެމްޔޫއާއެކު ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ބީއެމްއެލްގެ 40 މުވައްޒަފަކު ވަނީ ލީޑާޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާފައެވެ. އޭގެ ތެރެއިން ސީނިއާ 20 މުވައްޒަފަކު "އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް" ހާސިލްކޮށްފައިވާއިރު، އަނެއް 20 މުވައްޒަފުން ވަނީ އެކެޑަމީ މެދުވެރިކޮށް "ސެޓްފިކެޓް އިން ލީޑާޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް" ހާސިލުކޮށްފައެވެ.

ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާއިރު، މިފަދަ އިތުރު ތަމްރީނުތައް މިހާރުވެސް މެދުނުކެނޑި ކުރިއަށްދާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލްއިން ދަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. މިއީ ބޭންކުން ގެންނަމުންދާ ހެޔޮ ބަދަލުތަކަށާއި ފެންވަރު ރަނގަޅު ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެއެވެ.