ރަޝިއާއިން އައި ގެސްޓުން ލައްކައަކަށް، ޗައިނާ އަދިވެސް އޮތީ އެއްވަނައިގައި
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ދެވަނައަށް އެންމެ ވަރުގަދަ ގައުމު ކަމަށްވާ ރަޝިއާއިން މިއަހަރު ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރައި، އެ ގައުމުގެ މާކެޓުން އާ މައިލްސްޓޯނެއް ކަޑައްތުކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ވަނީ 100,450 ފަތުރުވެރިން ރާއްޖެއަށް އައިސްފައެވެ. މިއީ ރާއްޖެއަށް މިހާތަނަށް ޒިޔާރާތްކުރި ޖުމުލަ ފަތުރުވެރިންގެ 13 އިންސައްތައެވެ.
ރަޝިއާ ދެވަނައިގައި އޮތް ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ލިސްޓުގެ އެއްވަނަ އަދިވެސް ކޮންޓްރޯލް ކުރަމުންދަނީ ޗައިނާއިންނެވެ. ޗައިނާއިން މިހާތަނަށް 116,441 ފަތުރުވެރިން އައިސްފައިވާއިރު، އެއީ މާކެޓް ހިއްސާގެ 15.1 އިންސައްތައެވެ.
Ads by BMLމިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް މުޅި ޖުމުލަ 786,529 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވަމުންދާއިރު، މިވަގުތު ރާއްޖޭގައި 1,313 ތަނެއް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
180 ރިސޯޓު
945 ގެސްޓްހައުސް
172 ސަފާރީ އުޅަނދު
16 ހޮޓާ
މި ހުރިހާ ތަނަކުން ޖުމުލަ 67,983 އެނދު މިހާރު އޮޕަރޭޓް ކުރަމުންދާ ކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
Ads by MACL
