ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ހާދިސާތައް ރިޕޯޓުކުރުމުގައި ޒިންމާދާރުވުމަށް އެމްޖޭއޭ އިން އިލްތިމާސްކޮށްފި

އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ މައްސަލަތައް މިހާރަކަށް އައިސް ދަނީ އިތުރުވަމުން --- ފޮޓޯ: އޭއައި (ޖީލު އޮންލައިން)
އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ މައްސަލަތައް މިހާރަކަށް އައިސް ދަނީ އިތުރުވަމުން --- ފޮޓޯ: އޭއައި (ޖީލު އޮންލައިން)

އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އެފަދަ ނުރައްކާތެރި ޚަބަރުތައް މީޑިއާގައި ގެނެސްދިނުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށާއި، މުޖުތަމައުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ގޮވާލައިފިއެވެ.

ނޫސްވެރިންގެ ޖަމިއްޔާއިން މިކަމަށް އެދުނީ، މި ފަހަކަށް އައިސް ހިނގަމުންދާ މިފަދަ ހާދިސާތައް ރިޕޯޓުކުރުމުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، މީޑިއާތަކަށް ހާއްސަ އިރުޝާދުތަކެއް ހިމެނޭ "މީޑިއާ އެޑްވައިޒަރީ" އެއް ނެރެމުންނެވެ.

ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ

އެމްޖޭއޭ އިން ފާހަގަކުރި ގޮތުގައި، އަމިއްލަ ނަފްސަށް ގެއްލުންދޭ ވާހަކަތައް ތަފްސީލީ ގޮތެއްގައި ފެތުރުމަކީ، އެފަދަ ނާޒުކު ހާލަތްތަކުގައި ތިބޭ އިތުރު މީހުންނަށް އެކަން ކުރަން ލިބޭ ހިތްވަރަކަށް ވެދާނެ ކަމެކެވެ. މީގެ ސަބަބުން މިފަދަ ހިތާމަވެރި ހާދިސާތައް މުޖުތަމައުގައި ތަކުރާރުވުމުގެ ފުރުސަތު ބޮޑުވާތީ، ޚަބަރު ފެތުރުމުގައި އާދައިގެ އުސޫލުތަކަށްވުރެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުން މުހިއްމެވެ.

ރިޕޯޓުކުރުމުގައި ސަމާލުވާންޖެހޭ މުހިއްމު ބައިތައް

މީޑިއާތަކުން އަމަލުކުރަންވީ ބައެއް މުހިއްމު އުސޫލުތައް އެމްޖޭއޭ އިން ވަނީ ތިރީގައިވާ ގޮތަށް ތަރުތީބުކޮށްފައެވެ.

ނުކުރަންވީ ކަންތައްތައް:

  • ތަފްސީލު ހާމަނުކުރުން: ހާދިސާ ހިނގި ގޮތުގެ ތަފްސީލާއި، އެ މީހަކީ ކާކުކަން އެނގޭނެ ފަދަ ވަނަވަރު ނުހިމެނުން.

  • ވިޝުއަލް ކޮންޓެންޓް: ހާދިސާއާ ގުޅޭ ފޮޓޯ، ވީޑިއޯ، އޯޑިއޯ ނުވަތަ ސޯޝަލް މީޑިއާ ލިންކުތައް ބޭނުން ނުކުރުން.

  • ބަސްމަގަށް ސަމާލުވުން: މިއީ މައްސަލަތަކުގެ ހައްލެއް ކަމަށް ދޭހަވާ ފަދަ ނުވަތަ މިކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދައްކުވައިދޭ ބަސްމަގު ބޭނުން ނުކުރުން.

  • ތަންތަނުގެ މައުލޫމާތު: ހާދިސާ ހިނގި ތަނުގެ ނަމާއި ތަފްސީލުތައް ސިއްރުކުރުން.

އިސްކަންދޭންވީ ކަންތައްތައް:

  • އުންމީދު އާކޮށްދިނުން: ނަފްސާނީ ބަލިތަކުން އަރައިގަނެ، ދިިރިއުޅުމުގެ ހާސްކަމާ ކުރިމަތިލާނެ ގޮތުގެ ހިތްވަރު ލިބޭ ފަދަ ވާހަކަތައް ގެނެސްދިނުން.

  • އެހީތެރިކަން ހޯދުން: އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، ކަމާގުޅޭ މާހިރުންގެ ލަފަޔާ އެކު އާންމުން ހޭލުންތެރިކުރުވުމަށް އިސްކަންދިނުން.

މުޖުތަމައުގެ މަސްލަހަތު އިސްކުރުން

އެމްޖޭއޭ އިން ބުނި ގޮތުގައި މިފަދަ ޚަބަރުތައް ރިޕޯޓުކުރަން ޖެހޭނީ ހަމައެކަނި އާންމު މަސްލަހަތު ހިމެނޭ މިންވަރަށެވެ. އަދި އެއްވެސް މައުލޫމާތެއް އާންމުކުރަންވާނީ އޭގެ ސައްހަކަން ކަށަވަރުކުރުމަށްފަހުގައެވެ.

ފަހަކަށް އައިސް އަމިއްލައަށް މަރުވުމުގެ ތިން ހާދިސާއެއް ފެންމަތިވެފައިވާތީ، ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މެންޓަލް ހެލްތު ހޮޓްލައިން 1676 އަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.