ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައިފި

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް، ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ މުހައްމަދު ނިޒާރު މިއަދު އައްޔަންކުރައްވައިފި އެވެ.

ނިޒާރު މި މަގާމަށް އަލުން މި އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ގއ. ދެއްވަދޫ ދޭލިޔާގެ، މުހައްމަދު އަނަސް ހުށަހެޅުއްވި އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު ގަބޫލުކުރައްވައިފަ އެވެ. އެހެންކަމުން، އެ ބޯޑުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މއ. ޔެލޯބެލް، މުހައްމަދު ނިޒާރު ވަނީ އެ މަގާމަށް ހަމަޖައްސަވައިފަ އެވެ. އޭނާއަކީ 2014 އިން 2019 އަށް ވެސް ޕީސީބީގެ ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އޮސްޓްރޭލިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަސް ހާސިލްކުރައްވާފައިވާ ނިޒާރަކީ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން އެސްޓީއޯގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައި، އެ ކުންފުނީގެ ސޭލްސް، އެޑްމިނިސްޓްރޭޝަން އަދި އިމްޕޯޓް ފަދަ މުހިންމު ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވެ އެވެ. އަދި ސަޕްލައި ޗެއިން ހަރުދަނާކުރުމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން، މޯލްޑިވް ގޭސްގެ ބޯޑު މެންބަރުކަމުގެ އިތުރުން ރިސްކް މެނޭޖްމަންޓާއި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް ނިޒާރު ވަނީ އަމަލީ ގޮތުން މަސައްކަތް ކުރައްވައިފަ އެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން، ޕީސީބީގެ ލީޑަޝިޕަށް މި ގެނައި ބަދަލަކީ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.