ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 39 އާ ހޮސްޕިޓަލެއް ބިނާކުރަނީ؛ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ވެސް ޚާއްސަ އިސްކަމެއް
ސިއްޚީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅިން އަލަށް 39 ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން ހެލްތު މިނިސްޓަރު ގީލާ އަލީ ހާމަކުރައްވައިފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސިއްޚީ ނިޒާމު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ޖުމްލަ 159 މަޝްރޫޢެއް މިވަގުތުވެސް ހިނގަމުންދާ ކަމަށެވެ.
އުމްރާނީ ތަރައްގީގެ އިތުރުން، އެ ހޮސްޕިޓަލްތައް ހިންގުމަށް ބޭނުންވާ ގާބިލު އިންސާނީ ވަސީލަތްތައް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ވަކިން ޚާއްސަކޮށް، މިވަގުތު ބޭރު މީހުންނަށް ބަރޯސާވެފައިވާ ދާއިރާތަކަށް ދިވެހިން ތަމްރީނުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ގީލާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ފަށާފައިވާ މި މަސައްކަތްތައް ނިމުމާއެކު، ރާއްޖޭގެ ސިއްޚީ ދާއިރާއަށާއި އިޖުތިމާޢީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އައިސް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެގެންދާނެއެވެ.
Ads by MACL
