ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސައްކަތްތެރިންގެ ގާނޫނުތައް ތަންފީޒުކޮށް، އަމާން މާހައުލެއް ކަށަވަރުކޮށްދޭނަން: މިނިސްޓަރ އިހުސާން

މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުމުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ޕީއެސްއެމް
މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުމުގައި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ މަސައްކަތްތެރިން އެދޭ ފަދަ އަމާން އަދި އަބުރުވެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށްޓަކައި، ކަމާގުޅޭ ގާނޫނުތައް މިއަހަރުގެ ތެރޭގައި ފުރިހަމައަށް ތަންފީޒު ކުރަން ފަށާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވައިފިއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ހިނގާލުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސައްކަތްތެރިންނަށް ހައްގުވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި، "އިންޑަސްޓްރިއަލް ރިލޭޝަންސް" ގެ ގާނޫނާއި "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު" ގެ ގާނޫނު މި އަހަރުގެ ތެރޭގައި ފުރިހަމައަށް އަމަލުކުރަން ފަށާނެ ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މަސައްކަތްތެރިންނާ ގުޅުންހުރި ހުރިހާ ގަވާއިދުތަކެއް "އަކުރުން އަކުރަށް" ތަންފީޒު ކުރަން ފެށުމަކީ ރާއްޖޭގެ ވަޒީފާގެ މާހައުލު އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީގައި ގިނަ ދުވަސްވެ، ހައްލުނުކުރެވި ހުރި މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެތައް މައްސަލައެއް ފުނިޖެހިފައި އޮތް ކަމަށެވެ. ނަމަވެސް އެއީ މަސައްކަތްތެރިންގެ ހައްގުތަކަކަށް ވާތީ، އަމާނާތްތެރިކަމާއެކު އެ މައްސަލަތަކަށް އަދުލުވެރި ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، މީގެ ކުރިން މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ރޫހެއްގައި ކަމަށް ވިޔަސް، މިހާރު ސަރުކާރުން ގެންގުޅެނީ މަސައްކަތްތެރިންގެ އަޑުއަހައި، އެމީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ސިޔާސަތެއް ކަމަށެވެ. މަސައްކަތްތެރިންނަށް ގާނޫނީ ގޮތުން ލިބިދޭންޖެހޭ ހިމާޔަތް ފުރިހަމައަށް ހޯދައިދެވެންދެން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް މިނިސްޓަރު ވައުދުވެވަޑައިގެންނެވިއެވެ.