ރައީސް ނަޝީދު ފެންނަނީ ގަދަކޮށް، އިންތިހާބު ފަސްކޮށްދޭން ރައީސް ސޯލިހު ފެކްޝަނުން އެދެނީ!
އެމްޑީޕީގެ އެތެރޭގެ ރޫހު ހުރިގޮތުން ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ޗެއާޕާސަން އިންތިހާބަށް އަތުކުރި އޮޅާލައި، ގަދަކޮށް ފެންނަމުންދާއިރު، އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ބުނެ، އެ އިންތިހާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފެކްޝަނުން ހުށަހަޅައިފިއެވެ.
ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި، ވަގުތީ ޗެއާޕާސަން އަބްދުލްޢަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ޗެއާޕާސަން (ސީޕީ) އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލިދާނެ ކަމަށެވެ. އޭގެ ސަބަބުން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
މި ހުށަހެޅުމުގެ އެންމެ ބޮޑު އުޒުރަކަށް ދައްކާފައިވަނީ ޕާޓީގެ މާލީ ހާލަތެވެ. ގަޕޯގެ މެސެޖުގައި ވިދާޅުވެފައިވަނީ:
"މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބް ބާއްވާނެ އެއްވެސް ފައިސާ އެއް ޕާޓީ އަކުނެތެވެ."
އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އިސް ފަރާތްތަކުން މަޝްވަރާކޮށްގެން 'އިންޓަރީމް އެރޭންޖްމަންޓެއް' ނުވަތަ ވަގުތީ އިންތިޒާމެއް އެކުލަވާލުމަށް އޭނާ ވަނީ ހުށަހަޅާފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، އެ ވަގުތީ އިންތިޒާމުގައި އޭނާ އަމިއްލައަށް ބައިވެރިވާން ބޭނުންނުވާ ކަމަށް ވިދާޅުވެ، އޭނާ ނުހިމަނައި ކުރިއަށް ދިއުމަށް އެދިވަޑައިގެންފައިވާ ކަމެވެ.
މި ހުށަހެޅުމަކީ ޕާޓީގެ ކުރިމަގަށް ކޮންމެހެން މުހިންމު ނިންމުމެއް ކަމަށް ބަލައި، އެކަން ގައުމީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ރަސްމީކޮށް ފާސްކުރުމަށްވެސް ގަޕޯ ވަނީ އެދިވަޑައިގެންފައެވެ.
Ads by MACL
