އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމާ ވެސް ހަވާލުވާން ތައްޔާރު: ނަޝީދު
އެމްޑީޕީގެ ގައުމީ މަޖިލީހުން ރުހޭނަމަ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ވެސް އިއުތިރާޒެއް ނެތި ތައްޔާރަށް ހުންނެވި ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ފަސްކުރުމުގެ މަޝްވަރާތައް ފެށިފައިވާ މި ދަނޑިވަޅުގައި، ނަޝީދު މިފަދައިން ވިދާޅުވީ ޕާޓީ ހިންގުމަށް ވަގުތީ ހައްލެއް ބޭނުންވާ ކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވުމާ ގުޅިގެންނެވެ.
މި އިންތިޚާބު ފަސްކުރުމަށް އެމްޑީޕީގެ މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވީ ސަރުކާރުން ޕާޓީތަކަށް ދޭންޖެހޭ ފައިސާ އަދި ލިބިފައި ނެތުމުގެ ސަބަބުންނެވެ. ގަޕޯ ވިދާޅުވި ގޮތުގައި ފައިސާ ނުލިބުމަކީ މިވަގުތު ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް އެޅޭ ބޮޑު ހުރަހެކެވެ.
ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވަނީ، ރިޔާސީ ޕްރައިމަރީއާ ހަމައަށް ޕާޓީ ހިންގުމަށްޓަކައި ވަގުތީ ވެރިއަކު ހަމަޖެއްސުމަށް ޚިޔާލު ދެއްވާފައެވެ. އެ ޚިޔާލަށް ތާއީދު ކުރައްވައި ނަޝީދު ވިދާޅުވީ، ގައުމީ މަޖިލީހުން ގަބޫލުވާނަމަ ވަގުތީ ޗެއާކަން ކުރުމަށް އެ މަނިކުފާނުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
ޗެއާޕާސަންގެ ދާއިމީ މަގާމަށް މިހާރު ވާދަކުރައްވަނީ ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީގެ ކުރިން މި މަގާމަށް ވާދަކުރައްވާނެކަން އިއުލާނުކުރެއްވި އަލްހާން ފަހުމީ ވަނީ މިހާރު ވާދަނުކުރައްވަން ނިންމަވާފައެވެ.
އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ "ބޮޑު ބަދަލު" ގެ ނަމުގައި ކެމްޕެއިނެއް ފައްޓަވާފައެވެ. މި ކެމްޕެއިނުގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ބައިވެރިވެވަޑައިގަންނަވާއިރު، އެ ބޭފުޅުން ވަކާލާތު ކުރައްވަނީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.
އަނެއްކޮޅުން މީކާއިލް އަހުމަދު ނަސީމް ވެސް ގެންދަވަނީ "އިތުބާރު" ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ކުރައްވަމުންނެވެ. މަޖިލީހުގެ ޕީޖީ ގްރޫޕުގެ ގިނަ މެންބަރުންގެ ތާއީދު މިވަގުތު އޮތީ މީކާއިލަށް ކަމަށް ބެލެވެއެވެ.
Ads by MACL
