ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ އިންތިހާބު ފަސްކުރުމާ މީކާއިލާއި ފައްޔާޒު ދެކޮޅު

އެމްޑީޕީގެ އިންތިހާބު ފަސްކުރުމާ މީކާއިލާއި ފައްޔާޒު ދެކޮޅު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ފަސްކުރުމަށް ޕާޓީގެ ލީޑަޝިޕުން ކުރަމުންދާ މަސައްކަތަށް، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމާއި ކުރީގެ މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ފައިސާގެ ދަތިކަމާއި މަސްލަހަތުގެ ބަހަނާ ދައްކަވައި އިންތިހާބު ލަސްކުރަން ހުށަހެޅުއްވި ނަމަވެސް، ކެންޑިޑޭޓުން ބޭނުންވަނީ އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ދާށެވެ.

މިކަމާ ގުޅޭގޮތުން މީކާއިލް ވިދާޅުވީ އޭނާއާއި އޭނާގެ ޓީމު އޮތީ އިންތިހާބަށް ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ވަކި ބަޔަކަށް ފައިދާވާނެ ގޮތަށް އިންތިހާބާ "ނުކުޅުއްވުމަށް" އޭނާ ވަނީ ގޮވާލައްވާފަ އެވެ. މީކާއިލްގެ މި ވާހަކަތަކަށް ތާއީދު ކުރައްވަމުން ފައްޔާޒް އިސްމާއިލް ވިދާޅުވީ ފައިސާ ނެތިގެން އިންތިހާބު ފަސްކުރަން ނުޖެހޭނެ ކަމަށާއި، އެ ފައިސާ ހޯދޭނެ މަގުތައް ހުންނާނެ ކަމަށެވެ. ފައްޔާޒް ވަނީ އިންތިހާބު ލަސްކުރުމުގެ ބަދަލުގައި އެކަން އަވަސްކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

ޕާޓީގެ އެތެރޭގެ މި ހިޔާލުތަފާތުވުންތައް ބޮޑުވެފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާޓީގެ ގައުމީ މަޖިލީހުން އެދޭ ނަމަ، ރިޔާސީ ޕްރައިމަރީއާ ހަމައަށް ވަގުތީ ގޮތުން ޗެއާޕާސަންކަމުގެ ޒިންމާ އުފުއްލަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ކުރީގެ މެންބަރު ރާއީ ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

މި އިންތިހާބު ފަސްކުރުމަކީ މީކާއިލްއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެތީ ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، މީކާއިލް އާއި ނަޝީދުގެ ފެކްޝަނުން ދަނީ އެކަން ބަލައިނުގަންނާނެ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.