ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފި

ނ.ކެނދިކުޅުދޫ ނޭޗާޕާކްގެ ފޮޓޯއެއް ---
ނ.ކެނދިކުޅުދޫ ނޭޗާޕާކްގެ ފޮޓޯއެއް ---

ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް، ތިމާވެށީގެ ނަފާ ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މިއީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.

އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރު މިކަމަށް ޝައުޤުވެރިކަން ހުރި ރަށްރަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ ރަށްތަކަކުން ތަރުޙީބު ލިބިފައިވެއެވެ. މިގޮތުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބުނު 10 ރަށެއް މިހާރު ވަނީ ކަނޑައަޅާފައެވެ.

ނޭޗަރ ޕާކު ތަރައްޤީކުރަން ނިންމާފައިވާ ރަށްތަކަކީ:

  • ހއ. މޮޅަދޫ

  • ހދ. ކުމުންދޫ

  • ނ. ލަންދޫ

  • ކ. ހުރާ

  • އދ. އޮމަދޫ

  • މ. ކޮޅުފުށި

  • ތ. ކިނބިދޫ

  • ލ. ގަން

  • ގއ. ކޮނޑޭ

  • ގދ. ފިޔޮރީ

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަށްރަށުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށް، ޕާކުތަކުގެ ކޮންސެޕްޓާއި މަސައްކަތް ކުރިއަށްދާނެ ދާއިރާ (ސްކޯޕް) މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. އަދި މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއެކު ގްރާންޓް އެގްރިމަންޓްތަކުގައި ސޮއިކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

މިފަދަ ނޭޗަރ ޕާކުތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްވުމުގެ އިތުރުން، އިކޯ-ޓޫރިޒަމް ފުޅާވެ، ރަށުގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. މިހާރުވެސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ހިންގަމުންދާ ނޭޗަރ ޕާކުތަކަކީ ފަތުރުވެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ، ނަމޫނާ ތަންތަންކަން ފާހަގަކުރެވެއެވެ.