އެމްޑީޕީ ޗެއާޕާސަން ހޮވާ އިންތިޚާބަށް ފައިސާ ނެތްކަމަށް ބުނުމުން 'ފަންޑްރެއިޒިން' ފަށައިފި
ސަރުކާރުން ދޭންޖެހޭ ފައިސާ ލިބިފައި ނެތުމުގެ ސަބަބުން އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ބޭއްވޭނެ މާލީ ތަނަވަސްކަން ނެތް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވުމާ ގުޅިގެން، އިންތިޚާބަށް ބޭނުންވާ ފައިސާ ހޯދުމަށް 'ފަންޑްރެއިޒިން' މަސައްކަތްތަކެއް އެ ޕާޓީގެ ބައެއް މެންބަރުން ފަށައިފިއެވެ. ޣަފޫރު ވަނީ ފައިސާގެ ދަތިކަމާ ހުރެ އިންތިޚާބު ފަސްކުރުމަށް ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޣަފޫރު ވިދާޅުވީ، މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާ ކަމަށާއި، އެހެންކަމުން ޕާޓީ ހިންގުމަށާއި އިންތިޚާބު ބޭއްވުމަށް ބޭނުންވާ ފައިސާ މިވަގުތު ނެތް ކަމަށެވެ. މީގެ އިތުރުން، މިވަގުތު އިންތިޚާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި އިބްރާހިމް އިސްމާއީލް (އިބުރާ) ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޕާޓީ އުފެއްދީ ސަރުކާރުގެ ފައިސާއަށް ބަރޯސާވެގެން ނޫން ކަމަށާއި، އިންތިޚާބެއް ބާއްވާނެ ފައިސާ ނެތް ކަމަށް ބުނެ ޕާޓީގެ އިސް މަގާމުތަކަށް މީހުން އިންތިޚާބު ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން ބައެއް މެންބަރުން މިހާރު ވަނީ އަމިއްލައަށް ފައިސާ އެއްކުރުމުގެ މަސައްކަތް ފަށާފައެވެ.
Ads by BMLޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ކުރިން ވާދަކުރައްވާނެ ކަމަށް ވިދާޅުވި އަލްހާން ފަހުމީ ވަނީ އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމަށް ގަބޫލުނުކުރެވޭތީ ނަން އަނބުރާ ގެންދަވާފައެވެ.
ހަމައެއާއެކު، ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ވެސް ތައްޔާރުވަމުންދާއިރު، ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލީޙް ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
އެމްޑީޕީގެ މާލީ ހާލަތަށް ބަލާއިރު، 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އެ އަހަރު ލިބުނު 17.7 މިލިއަން ރުފިޔާގެ ތެރެއިން 15.1 މިލިއަނަކީ އިލެކްޝަންސް ކޮމިޝަނުން ދިން ފައިސާއެވެ.
މި އަހަރު ފެށުނުއިރު 43,784 މެންބަރުން ތިބި ނަމަވެސް، އިންތިޚާބާ ދިމާކޮށް ގިނަ ބަޔަކު އަލުން ޕާޓީއާ ގުޅެމުންދާ ކަމަށް ޕާޓީގެ އިސް ފަރާތްތަކުން ބުނެއެވެ.
Ads by MACL
