މޫސުން: ރާއްޖޭގެ ބޮޑުޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ!
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް، މިއަދު މެމްދުރު ފަހު 2:00 އިން ފެށިގެން މިރޭ 8:00 އާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިދިޔަ ބުދަ ދުވަހު މެޓް އޮފީހުން ވަނީ މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން، މި ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ބުނެފައެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ، މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ވަރަށް ބާރަށް ގުގުރައިފައިވެއެވެ. އަދި ހުޅުމާލެއަށް ހޮނު އަޅައި އިމާރާތަކަށް ގެއްލުންވެފައި ވެސްވެއެވެ.
Ads by BML
Ads by MACL
