ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިޔާސީ މުވައްޒަފުންގެ ތިންބައިކުޅަަ އެއްބައި މިހާރު ހިނގަމުންދާ މުރާޖައާ ނިމުމުން ވަކިކުރެވޭނެ: ތަރުޖަމާނު

އިސް ތަރުޖަމާނު މުންދު --- ފޮޓޯ: ރައީސް އޮފީސް
އިސް ތަރުޖަމާނު މުންދު --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި މިހާރު ތިބި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން، މިހާރު ކުރިއަށްދާ މުރާޖައާ ނިމުމުން ވަކިކުރެވިގެންދާނެ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ އިންސައިޓް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މުންދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކުރައްވަމުން ކަމަށެވެ.

"ގާތްގަނޑަކަށް މިހާރު ތިބި މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މީހުން މިހާރު ހިނގަމުންދާ މުރާޖައާ ނިމުމުން ވަކިކުރެވިގެންދާނެ. އެއިރުން ސަރުކާރު ކުޑަވެ ނަތީޖާ ނެރެވޭ މިންވަރު އިތުރުވާނެ،" މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދުވެސް 33 އިންސައްތަ މަދުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ތަރުޖަމާނު ހާމަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވަޒީފާތަކަށް މީހުން އައްޔަންކުރާނީ ތައުލީމާއި ތަޖުރިބާއަށް ބައްލަވައިގެން ކަމަށާއި، ސިޔާސީ މަތީ ފަންތީގެ މަގާމުތަކަށްވެސް ބޭފުޅުން އައްޔަންކުރައްވާނީ އެ ބޭފުޅެއްގެ ގާބިލުކަމަށް ބެއްލެވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާމީ ބަދަލުތަކާއި އިގުތިސާދީ ގޮންޖެހުންތައް


ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ތެލުގެ އަގު ބޮޑުވުމާއި، ބޭރު ފައިސާގެ ދަތިކަމާއި އިގުތިސާދީ ލޮޅުންތަކުން ސަލާމަތްވުމަށް ރައީސް އިހުތިޔާރުކުރެއްވީ ނިޒާމީ ބަދަލުތަކެއް ގެންނެވުން ކަމަށް މުންދު ފާހަގަކުރެއްވިއެވެ. މި ބަދަލުތަކަކީ ތިރިން މައްޗަށް ގެންނަވާ ޝާމިލު އިސްލާހީ ބަދަލުތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މި އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، ކެބިނެޓުގެ ދިހަ ވަޒީރަކު އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެން، ވުޒާރާތަކުގެ އަދަދު މަދުކުރައްވައި އައު ލީޑަރުންތަކެއް ސަރުކާރުގެ ތެރެއަށް ގެންނަވާފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. މުންދު ވިދާޅުވި ގޮތުގައި ރައީސްގެ އަމާޒަކީ މުޅި ނިޒާމު އިސްލާހުކޮށް، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމެވެ.