މީކާއިލްގެ ރައްދު ފައްޔާޒަށް: ނެރޭ އޮޑިޓް ރިޕޯޓަކުން ނުފުދޭ؛ މުސާރައަށް 4 މިލިއަން ހަރަދު ވި ގޮތް އެނގެންޖެހޭނެ
އެމްޑީޕީން އަހަރަކު އެއްފަހަރު އާންމުކުރާ އޮޑިޓް ރިޕޯޓުން އެކަނި ނުފުދޭ ކަމަށާއި، ޕާޓީގެ މާލީ ހިސާބުތަކާއި ހަރުމުދަލުގެ ތަފްސީލު މެންބަރުންނަށް ސާފުވާންޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވީ، އެމްޑީޕީއަކީ ލިބޭ ފައިސާ ގަވައިދުން އޮޑިޓްކޮށް އާންމުކުރާ ޕާޓީއެއް ކަމަށް ބުނެ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) އެކްސްގައި ކުރެއްވި ޕޯސްޓެއް މެމްބަރު މީކާއިލް ޓެގުކުރައްވައި ފައްޔާޒް ރިޓްވީޓު ކުރުމާއި ގުޅިގެން އެއަށް ރައްދުދެއްވައެވެ.
މީކާއިލް ޓެގުކުރައްވައި ފައްޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މީގެ ކުރިން އާންމުކުރި ލިޔެކިޔުންތައް ބަލާފައި ނުވާނަމަ އަލުން ބަލާލުން ރަނގަޅު ކަމަށެވެ.
ފައްޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ، މުސާރައަށް އެކަނި 4 މިލިއަން ރުފިޔާ ހަރަދުވީ ކިހިނެއްކަމާއި ޕާޓީގެ ހަރުމުދަލުގެ ތަފްސީލު މެންބަރުންނަށް އެނގެންޖެހޭ ކަމަށެވެ. ޕާޓީގެ ހިންގުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި މީކާއިލް ވިދާޅުވީ، ޕާޓީގެ މާލީ ކަންކަމާއި އިދާރީ ހިންގުން މިހާރަށްވުރެ ބޮޑަށް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
ޕާޓީގެ އާންމު މެންބަރުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި މީކާއިލް ވިދާޅުވީ، "މި ޕާޓީ ހިންގައެއް ނުލެވުނޭ، ބަދަލު ކުރާށޭ!" މިފަދައިން ބައެއް މެންބަރުން ބުނަމުންދާ ކަމަށެވެ. ޕާޓީގެ މިހާރުގެ ހިންގުންތެރިކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ގިނަ މެންބަރުން ގަބޫލުކުރާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަަހަރަކު އެއްފަހަރު އާންމު ކުރާ އޮޑިޓް ރިޕޯޓަކުން ނުފުދޭ. މުސާރައަށް 4 މިލިއަން ހަރަދުވީ ކިހިނެއްކަމާއި ޕާޓީގެ ހަރުމުދަލުގެ ތަފްސީލު މެންބަރުންނަށް އެނގެންޖެހޭ. ޕާޓީގެ އާންމު މެންބަރުން ބުނަމުންދަނީ މި ޕާޓީ ހިންގައެއް ނުލެވުނޭ ބަދަލު ކުރާށޭ!" މީކާއިލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ޕާޓީގެ ހަރުމުދަލާއި ވަސީލަތްތައް ބޭނުންކުރެވެމުންދާ ގޮތުގެ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ މެންބަރުންގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. ޕާޓީގެ އިސް ފަރާތްތަކުން މިކަންކަމަށް އިޖާބަދީ، އިދާރީ ހިންގުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް މެންބަރުން ދަނީ ބާރުއަޅަމުންނެވެ.
Ads by MACL
