ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރެގެން މެނުވީ ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ރާއްޖެއިން ބޭރުގެ އޭޓީއެމް އަދި ޕީއޯއެސްތަކުގައި ބޭނުންކުރެވޭނީ، ކާޑުގެ ވެރިފަރާތަކީ އެވަގުތު ރާއްޖެއިން ބޭރުގައި ހުރި މީހެއްކަން ކަށަވަރުވުމުން އެކަނި ކަމަށް އެ ބޭންކުން މިއަދު ނިންމައިފިއެވެ.
މި ބަދަލު ގެނައީ މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ގާއިމްކުރި ޑިޖިޓަލް އިންޓަގްރޭޝަނެއްގެ ދަށުންނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ނިންމުން ނިންމީ ރާއްޖޭން ބޭރަށް ދާ މީހުންގެ އަތަށް އެހެން މީހުންގެ ކާޑުތައް ދީގެން ފޮނުވައި، ބޭރު ފައިސާ ބޭނުންކުރެވޭ ލިމިޓުގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށެވެ. އެގޮތުން، ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުންނަ ނަމަ، އޭނާގެ ކާޑު ބޭރު ގައުމެއްގައި ބޭނުން ނުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
Ads by BMLޝަރީފް ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭންކަށް ވަން ޑޮލަރަށް ވުރެ ބޭރުވި ޑޮލަރުގެ އަދަދު 100 މިލިއަން ވަނީ އިތުރުވެފައެވެ. އެހެންކަމުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް، އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެ މަގު ފަހިކުރުމަށްޓަކައި ހަރުދަނާ ނިޒާމެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އައު އުސޫލުގެ ސަބަބުން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ބީއެމްއެލް އިން ވަނީ 'ސްޓޫޑެންޓް ކާޑު' ތައާރަފްކުރަން ނިންމާފައެވެ. 1,200 ޑޮލަރާ ހަމައަށް ލިމިޓް ކަނޑައަޅާފައިވާ މި ކާޑަކީ، އަމިއްލަ ކާޑެއް ނޯންނަ، ހާއްސަކޮށް 18 އަހަރު ނުފުރޭ ދަރިވަރުން ބޭރުގައި އުޅޭއިރު ބޭނުންކުރުމަށް ދޫކުރާ ކާޑެކެވެ.
މީގެ އިތުރުން، ރުފިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރީގެ އުސޫލުން މުދާ ގަތުން ކޮންޓްރޯލް ކުރުމަށްޓަކައި، ޓީމޫ އަދި ޝީއިން ފަދަ އޮންލައިން ޝޮޕިން ސައިޓުތަކުން ވިޔަފާރި ކުރެވޭނެ ދުވާލަކު ބަޖެޓެއް ކަނޑައަޅަން ވެސް ބޭންކުން ވަނީ ނިންމާފައެވެ. ނަމަވެސް، އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ވެބްސައިޓުތަކަށް މިވަގުތު ބަދަލެއް ނާންނާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
Ads by MACL
