ބީއެމްއެލް ރުފިޔާ ކާޑުން އޮންލައިންކޮށް ކުރާ މުއާމަލާތްތައް މަހަކު 30 އަށް ލިމިޓް ކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ އީ-ކޮމާސް ވެބްސައިޓުތަކުން ކުރެވޭ މުއާމަލާތްތަކުގެ އަދަދު، ކޮންމެ ކަސްޓަމަރަކަށް މަހަކު 30 ޓްރާންސެކްޝަނަށް ލިމިޓްކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލް އިން މި ފިޔަވަޅު އަޅަން ނިންމީ ބޭންކަށް ބޭރު ފައިސާ ލިބޭ މިންވަރަށް ވުރެ، ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޭރު ފައިސާ ހޭދަވާ މިންވަރު އާދަޔާ ހިލާފަށް އިތުރުވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލު ގެންނަން ޖެހުނީ ބައެއް ފަރާތްތަކުން އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ކާޑުތައް ވިޔަފާރީގެ ބޭނުމަށް ބޮޑެތި އަދަދުތަކުން ބޭނުންކުރަމުންދާތީ ކަމަށެވެ. މީގެ ސަބަބުން އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
Ads by BMLޝަރީފް ވިދާޅުވި ގޮތުގައި، މައިގަނޑު ގޮތެއްގައި މި ލިމިޓް އަންނާނީ ޝީއިން (Shein) އަދި ޓީމޫ (Temu) ފަދަ އާންމުކޮށް އޮންލައިންކޮށް ވިޔަފާރިކުރާ ސައިޓުތަކަށެވެ. އަދި މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަހަކު 30 އަށް ވުރެ ގިނަ މުއާމަލާތް ކުރަނީ ކަސްޓަމަރުންގެ އެންމެ ތިނެއް އިންސައްތައަށް ވުރެ ވެސް މަދު ބައެއް ކަމަށް ވާތީ، މީގެ ސަބަބުން އާންމު ގިނަ ކަސްޓަމަރުންނަށް މާ ބޮޑު އަސަރެއް ނުކުރާނެއެވެ. ނަމަވެސް، ޑޮލަރު ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މި ބަދަލުގެ ސަބަބުން އެއްވެސް ހުރަހެއް ނާންނާނެއެވެ.
ބޭންކުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހަކު 74 މިލިއަން ޑޮލަރު ކާޑު މުއާމަލާތްތަކަށާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަން ވިއްކާފައިވެއެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މިދިޔަ އޭޕްރީލް މަހު އެކަނި ވެސް 414 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ އިރު، ބޭންކަށް ލިބިފައިވަނީ އެންމެ 36 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން، ބޭރުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ފައިސާ ނެގުމާއި ވިޔަފާރިކުރުމުގައި، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިކަން ޔަގީންކުރުމަށް އިމިގްރޭޝަނާ ގުޅިގެން ޚާއްސަ ޑިޖިޓަލް ނިޒާމެއް ގާއިމްކުރުމަށް ވެސް ބޭންކުން ވަނީ ނިންމާފައެވެ. އަދި ގިނަ ކްރެޑިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންގެ އަތުން އަހަރީ ފީ ނަގާއިރު، ހަމައެކަނި އެއް ކާޑުން ފީ ނަގާ ގޮތަށް ވެސް ބޭންކުން ވަނީ އުސޫލު ބަދަލުކޮށްފައެވެ.
Ads by MACL
