ނޫސްތައް ރަޖިސްޓްރީކުރަން 5،000 ރުފިޔާގެ ފީއެއް ނަގަނީ؛ ނޫހެއް ރެޖިސްޓްރީ ކޮށްދޭނީ ފަސް އަހަރަށް
ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމަށް އުސޫލެއްގެ ތެރެއިން ފީއެއް ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފިއެވެ. މިއީ މީގެކުރިން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގައި އަމަލުކުރަމުން އައި ގޮތެއް ނޫނެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއެމްބީސީގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވީ، ކޮމިޝަނުން ބޭނުންވަނީ މީޑިއާތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދާ ތަންތަންކަމުގައި ހަދަންކަމަށެވެ. އެގޮތުން ނޫސްތައް ރަޖިސްޓްރީކުރާއިރު 5،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަޖިސްޓްރޭޝަން ފީ އާއި މުއްދަތު
އަޝްރަފް ވިދާޅުވި ގޮތުގައި، ނޫހެއް ރަޖިސްޓްރީކޮށްދޭނީ ދެން ފަސް އަހަރުގެ މުއްދަތަށެވެ. ނޫހެއް ރަޖިސްޓްރީކުރުމަށް 5،000 ރުފިޔާ ނަގާއިރު، މަޖައްލާއެއްނަމަ ރަޖިސްޓްރީކޮށްދޭނީ 3،750 ރުފިޔާއަށެވެ. މީގެ އިތުރުން ކޮންމެ ރަޖިސްޓްރޭޝަނަކަށް 100 ރުފިޔާގެ ޕްރޮސެސިން ފީއެއްވެސް ނަގަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާ ކޮމިޝަނުން މިހާރު ވަނީ ނޫސް މަޖައްލާތައް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ހުޅުވާލާފައެވެ. މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ދީފައިވަނީ ހަ މަސްދުވަހުގެ މުއްދަތެކެވެ.
Ads by BMLނޫސްތައް ރަޖިސްޓްރީކުރުމަށް 5،000 ރުފިޔާގެ ފީއެއް ނެގުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެކުރިން އެއްވެސް ފީއަކާ ނުލައި ރަޖިސްޓްރީކޮށްދެމުން އައި ނޫސްތަކަށް މިއީ މާލީ ގޮތުން ކުރިމަތިވާނެ ގޮންޖެހުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ.
އެހެންނަމަވެސް، ކޮމިޝަނުން ބުނަމުންދަނީ މި ބަދަލަކީ މީޑިއާތަކުގެ ފެންވަރު ހިފަހައްޓައި، އިތުރަށް ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
Ads by MACL
