ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރުގައި ކިޔަވާ ކުދިންނަށް ބީއެމްއެލްއިން ޚާއްޞަ 'ސްޓޫޑެންޓް ކާޑެއް' ތައާރަފުކޮށްފި

ބޭރުގައި ކިޔަވާ ކުދިންނަށް ބީއެމްއެލްއިން ޚާއްޞަ 'ސްޓޫޑެންޓް ކާޑެއް' ތައާރަފުކޮށްފި

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ތެރެއިން، އަމިއްލަ ބޭންކް ކާޑެއް ނެތުމުގެ ސަބަބުން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަންޖެހޭ ކުދިންނަށް ޚާއްޞަކޮށްގެން 'ސްޓޫޑެންޓް ކާޑު' ދޫކުރަން ބޭންކް އޮފް މޯލްޑިވަސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މި އައު ނިންމުމުގެ ދަށުން ދަރިވަރުންނަށް ދޫކުރާ ކާޑުތަކަށް މަހަކު 1,200 ޑޮލަރުގެ ލިމިޓެއް ލިބިގެންދާނެއެވެ. މިއީ މިހާރުވެސް ބޭރުގައި ކިޔަވާ ކުދިންނަށް ބޭންކުން ކަނޑައަޅާފައިވާ ޚާއްޞަ ޑޮލަރު ލިމިޓު، އެ ކުދިންގެ އަމިއްލަ ކާޑަކުން ބޭނުންކުރެވޭނެ އިންތިޒާމެކެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ގިނަ ކުދިންނަކީ 18 އަހަރު ނުފުރޭ ކުދިންނަށް ވުމުން، އެކުދިންގެ އަމިއްލަ ނަމުގައި ޑެބިޓް ކާޑެއް ނޯވެއެވެ. އެހެންކަމުން މިހާތަނަށް އެ ދަރިވަރުން މާލީ މުއާމަލާތްތައް ހިންގުމުގައި ބޭނުންކުރަމުން ދިޔައީ ބެލެނިވެރިންގެ ބޭންކް ކާޑުތަކެވެ.

މި ބަދަލާއެކު ދަރިވަރުންނަށް ލިބޭ ލިމިޓް ވަކި ކާޑަކަށް ބަދަލުވުމުން، ބެލެނިވެރިންގެ އަމިއްލަ ބޭނުންތަކަށް އެމީހުންގެ ކާޑު ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ދައްޗެއް ނެތި ފުރިހަމައަށް ލިބިގެންދާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. މިއީ ބެލެނިވެރިންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި، މި ސްޓޫޑެންޓް ކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައު ކާޑު ދޫކުރެވެންދެން، މިހާރުވެސް ބޭނުންކުރަމުންދާ ބެލެނިވެރިޔާގެ ކާޑު ދަރިވަރުންނަށް ބޭނުންކުރެވޭނެ ކަމުގެ ޔަގީންކަން ބޭންކުން ވަނީ ދީފައެވެ.