ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެންޑީއޭގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް: ސީއީއޯގެ ޝަރުތުތައް ހަރުކަށިކޮށް ދައުރު އިތުރުކޮށްފި

އެންޑީއޭގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް: ސީއީއޯގެ ޝަރުތުތައް ހަރުކަށިކޮށް ދައުރު އިތުރުކޮށްފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގުމުގައި އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް، އެ އިދާރާގެ ބޯޑު އެކުލެވިގެންވާ ގޮތަށާއި ސީއީއޯގެ މަގާމުގެ ޝަރުތުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފި އެވެ.

2014 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އެންޑީއޭ ބޯޑުގެ ހިންގާ ގަވައިދަށް ގެނައި މި ފުރަތަމަ އިސްލާހާ އެކު، ބޯޑުގައި ތަމްސީލުކުރާ މުއައްސަސާތައް އަލުން ތަރުތީބުކޮށް، ސީއީއޯގެ ދައުރު ވެސް ވަނީ ފަސް އަހަރަށް ދަންމާލާފަ އެވެ.

ބޯޑުގެ އެކުލެވުމަށް އައި ބަދަލުތައް

ކުރިން 10 އިދާރާއެއްގެ މެމްބަރުން ހިމެނޭ ބޯޑުން ރައީސް އޮފީސް، ޑިފެންސް މިނިސްޓްރީ، އިމިގްރޭޝަން އަދި ކަސްޓަމްސް ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ދެން ބޯޑުގައި ތަމްސީލުކުރާނީ:

  • އިޖުތިމާއީ ރައްކާތެރިކަމާބެހޭ މިނިސްޓްރީ: އެ މިނިސްޓްރީގެ ސިޔާސަތުތައް ތަންފީޒުކުރާ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާ މީހެއް.

  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މިނިސްޓްރީ: އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާ މީހެއް.

  • ކަރެކްޝަނަލް ސާވިސް: ބަންދުގައި ތިބޭ މީހުންނަށް ފަރުވާ ދިނުމުގެ ސިޔާސަތުތަކާ ގުޅޭ ތަޖުރިބާކާރު މުވައްޒަފެއް.

ސީއީއޯގެ ޝަރުތުތައް ހަރުކަށިކުރުން

އާ އިސްލާހުގެ ދަށުން ސީއީއޯގެ މަގާމަށް އައްޔަންކުރާ މީހަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.

  • މާސްޓާސް ޑިގްރީއަށް ވުރެ މަތީ ސަނަދެއް ނަމަ: މަދުވެގެން 2 އަހަރުގެ ތަޖުރިބާ.

  • އެއަށް ވުރެ ދަށް ސަނަދެއް ނަމަ: މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ.

މީގެ ކުރިން އޮތް ގޮތުން ނަމަ، ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް އޮތް ނަމަ ހިންގުމުގެ ދާއިރާގައި 5 އަހަރު އަދި ސީނިއާ މެނޭޖްމަންޓުގައި 10 އަހަރުގެ ތަޖުރިބާ ބޭނުންވެ އެވެ. އަދި ކުރިން 3 އަހަރަށް އައްޔަންކުރާ މި މަގާމުގެ މުއްދަތު މިހާރު ވަނީ 5 އަހަރަށް ބަދަލުކޮށްފަ އެވެ.

ޖުލައި 2024 ގައި އިމާދު ސޯލިހު މަގާމުން ވަކިކުރި ފަހުން އެންޑީއޭ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދެވެ. އާ ގަވައިދާ އެކު އެ އިދާރާގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ބެލެވެ އެވެ.