ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނޫސްވެރިންގެ ހައްގުތައް އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ނޫސްވެރިންގެ ހައްގުތައް އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރާއްޖޭގައި ނޫސްވެރިންގެ ޙައްޤުތައް އެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދެއްވާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުންވި ޚާއްސަ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށެވެ.

އަދި މީޑިއާއަކީ ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ އިންތަކާއި މިންތަކަށް ސަމާލުކަން ދޭންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި އޮންނަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށްކަން ފާހަގަކުރައްވައި، އިންސާނީ ޙައްޤުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ މިކަން ގުޅިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ޙަޤީޤަތާ އެއްގޮތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅަން ޖެހޭކަމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޫސްވެރިކަމާއި ޓެކްނޮލޮޖީ އަދި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ ބަހުސްތަކުގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ނޫސްވެރިންނަށް ހޯދައިދިނުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.