ތިމަރަފުށީ ޒުވާނުންގެ މަރުކަޒާއި ގުޅިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ނިހާދުގެ ހޫނު ރައްދެއް!
ތ. ތިމަރަފުށީ ޒުވާނުންގެ މަރުކަޒުގެ ހާލަތާ ގުޅުވައިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް މިނިސްޓަރު އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ނިހާދު ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ. ނިހާދު މި ރައްދު ދެއްވީ އެ މަރުކަޒު ވީރާނާވަމުންދާ ކަމަށް ބުނެ ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު ތަރައްގީ ކުރެވުނު އެ ޔޫތު ސެންޓަރަކީ ވަރަށް ރަނގަޅަށް ހިނގަމުންދިޔަ ތަނެއް ކަމަށާއި، ނަމަވެސް ތިމަރަފުށީގެ ބައި-އިލެކްޝަނެއްގެ ދުވަސްވަރު އަހުމަދު ޝަރީފު އެތަން ހިންގުމުގެ އެއްބަސްވުން ބާތިލްކުރި ކަމަށެވެ.
ނަޝީދު އިޝާރާތް ކުރެއްވި ބައި-އިލެކްޝަނަކީ 2012 ވަނަ އަހަރު މުހައްމަދު މުސްތަފާ އާއި އަހުމަދު ޝަރީފު ވާދަކުރެއްވި އިންތިޚާބު ކަމަށް ބެލެވޭއިރު، އެއަށްފަހު އެތަން ވީރާނާވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLނަޝީދުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޑެޕިއުޓީ މިނިސްޓަރު ނިހާދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު އެތަނުގެ ހާލަތު ބައްލަވައިލެއްވިންތޯ ސުވާލު ކުރައްވާފައެވެ.
"އެމްޑީޕީ ވެރިކަމުގައި ކައުންސިލާ ހިންގުން ހަވާލުކޮށްގެން ގޮސް ތަޅު އެޅުވީ. އޭރު ކައިރީގައި ހުންނެވި ބޭފުޅާ ގޮވީ ރަނގަޅޭ އެބޭފުޅުން ފުނޑާލާނަމޭ،" ނިހާދު ވިދާޅުވިއެވެ.
ނިހާދު އިތުރަށް ވިދާޅުވީ މި ސަރުކާރު އައިއިރުވެސް އެތަން އޮތީ ފަޅަށް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި އެތަނުގެ ކަންކަން ދިޔައީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި އެކަމަށް ތިމަރަފުށީގެ ޒުވާނުން ހެކިވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީގެ ސެންޓްރަލް ޒޯންގެ ތަފާސްހިސާބުތަކާ ހަވާލާދީ ނިހާދު ވިދާޅުވީ، 2015 އިން 2019 އަށް އެ މަރުކަޒު ހިނގަމުންދިޔައީ "ޓޮޕް ލެވެލް" ގައެވެ. ނަމަވެސް 2019 އިން 2022 އަށް އެތަނުގެ ހިންގުން "މީޑިއަމް" ފެންވަރަކަށް ދަށްވެ، 2023 ވަނަ އަހަރު އައިއިރު އެތަން އޮތީ މުޅިން ފަޅަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ނިހާދު ވަނީ އެއީ ކާކުގެ އިހުމާލެއްތޯ ސުވާލު އުފައްދަވާފައެވެ. މި މައްސަލައަކީ ތިމަރަފުށީގެ ޒުވާނުންގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވާ ކަމަކަށްވާއިރު، ސިޔާސީ ދެ ފަރާތުން ވެސް ދަނީ އެކަކު އަނެކަކަށް އިހުމާލުގެ ތުހުމަތުތައް ކުރަމުންނެވެ.
Ads by MACL
