ޒިންމާދާރުކަމެއްނެތި ޚަބަރު ފެތުރުމުގެ ސަބަބުން މުޖުތަމަޢުގެ ފޭރާން ވީދިގެންދޭ
ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވީ ނަމަވެސް، ރައްޔިތުން އަދިވެސް އެންމެ ބޮޑަށް އިތުބާރު ކުރަނީ ނޫސްވެރިން ހާމަކުރާ މަޢުލޫމާތަށެވެ. ކަމެއް ހިނގައިގެން އުޅޭކަމުގެ އަޑުތައް ފެތުރުނު ކަމުގައިވީ ނަމަވެސް، އެކަމެއް ނޫހަކަށް ނުވަތަ ޓީވީއަކަށް ނާރަނީސް ގިނަ ރައްޔިތުން އެކަން ގަބޫލެއް ނުކުރެއެވެ. އެހެންކަމުން، ނޫސްވެރިންނަކީ މުޖުތަމަޢުގައި ވަރަށް މުހިންމު އަދި ނުފޫޒުގަދަ ދައުރެއް އަދާކުރާ ބައެކެވެ.
ޤާނޫނީ ރައްކާތެރިކަމާއި ނޫސްވެރިކަމުގެ މިނިވަންކަން
ދިވެހިރާއްޖޭގައި 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މިނިވަން ޑިމޮކްރަސީއެއްގައި ނޫސްވެރިން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން ބޮޑުކަމުން، ޤާނޫނުއަސާސީން މި ޙައްޤު ކަށަވަރުކޮށްދެނީ މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައެވެ.
ނޫސްވެރިންގެ ޒިންމާ ބޮޑުކަން ފާހަގަކުރަމުން، އިވޭ ކޮންމެ އަޑަކީ ސައްޙަ މަޢުލޫމާތު ކަމަށް ބަލައި ޚަބަރު ފެތުރުމުގެ ބަދަލުގައި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސައްޙަ ނޫން މަޢުލޫމާތު ފެތުރުމަށްފަހު މަޢާފަށް އެދެންޖެހޭ ހާލަތްތައް އައުމަކީ ނޫސްވެރިކަމުގެ އަގު ވެއްޓޭ ކަމެކެވެ. ރާއްޖެއަކީ އިސްލާމީ ޤައުމަކަށްވާއިރު، އިޖުތިމާޢީ މިންގަނޑާ ޚިލާފު ވާހަކަތަކާއި މަންޒަރުތައް ގެނެސްދިނުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމުގައި ބަލައިގެން ނުވާނެއެވެ.
މިއަދު ރާއްޖޭގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކުން ފެންނަނީ ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އޮތް މަންޒަރެވެ. ސަރުކާރަށް ފާޑުކިޔުމާއި، ދައުލަތުގެ ތެރޭގައި ހުންނަ މައްސަލަތައް އާންމުންނަށް ތިލަކޮށްދިނުމުގެ ފުރުސަތު ނޫސްވެރިންނަށް ވަނީ ފަހިވެފައެވެ. ނޫސްވެރިކަމަކީ ކޮންމެ ޤައުމެއްގެވެސް "ފޯތު އެސްޓޭޓް" ނުވަތަ ހަތަރުވަނަ ބާރުގެ ގޮތުގައި ބަލައިގަނެވެއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. އދ. ގެ އާންމު މަޖިލީހުން 1993 ވަނަ އަހަރު މި ދުވަސް ކަނޑައެޅި ފަހުން، މިއީ މި ދުވަސް ފާހަގަކުރާ 33 ވަނަ އަހަރެވެ.
Ads by MACL
