ބީއެމްއެލްގެ އެހީގައި އޭދަފުށީގައި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއަކާއި ވޮކޭޝަނަލް ލެބެއް ހުޅުވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑް" ގެ އެހީގައި، ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއަކާއި ވޮކޭޝަނަލް ޓްރެއިނިންގ ލެބެއް ގާއިމުކޮށް، ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންކުރަން ފަށައިފިއެވެ.
މި މަޝްރޫއަކީ ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާގެ ފަރާތުން، އެ މަރުކަޒުގައި ކިޔަވާ ދަރިވަރުންނަށް އަމަލީ މަސައްކަތުގެ މައިދާނުން ބޭނުންވާ ހުނަރުތައް އުނގަންނައިދިނުމަށް ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން އަލަށް ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯއަކީ ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ އެންމެ ފަހުގެ ކެމެރާތަކާއި ޕްރޮޑަކްޝަން ސެޓަޕް ހިމެނޭ ތަނެކެވެ. މި ސްޓޫޑިއޯ މެދުވެރިކޮށް ދަރިވަރުންނަށް މި ދާއިރާތަކުން ޚާއްސަ ތަމްރީނުތަކެއް ދިނުމަށް ވަނީ ރޭވިފައެވެ.
Ads by BMLމީގެ އިތުރުން، ސްކޫލުގައި ކުރިން ހިންގަމުން އައި ވޮކޭޝަނަލް ޓްރެއިނިންގ ލެބް ވަނީ އިތުރަށް ތަރައްގީކޮށް، އައު ވަސީލަތްތަކާއެކު މުއްސަނދިކޮށްފައެވެ. އެގޮތުން ކާޕެންޓްރީއަށް ބޭނުންވާ އިލެކްޓްރިކް ޓޫލްތަކާއި، ވަޑާންކުރާ ސާމާނުގެ އިތުރުން ސަލާމަތީ އާލާތްތައް ވަނީ ހޯދާފައެވެ. އަދި ފެހުމުގެ ބަޔަށް ވެސް އައު ފަހާފޮށިތަކާއި ބޭނުންވާ އެހެނިހެން ސާމާނު ވަނީ އިތުރުކޮށްފައެވެ.
ފޭލި ޖަމިއްޔާއިން ބުނީ، މި ދެ ކްލާސްރޫމް ވެސް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުކޮށް، އަމަލީ މައިދާނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށެވެ. މިއީ ދަރިވަރުން ކިޔަވައި ނިމިގެން ވަޒީފާގެ މައިދާނަށް ނުކުންނައިރު، އެކުދިންނަކީ ހުނަރުވެރި ބަޔަކަށް ހެދުމަށް އެޅުނު ބޮޑު ބާރެކެވެ.
"ބޭންކް ފަންޑް" އަކީ މުޖުތަމައަށް ފައިދާހުރި މަޝްރޫއުތައް ހިންގުމަށް ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް ޖަމިއްޔާތަކަށް ހުޅުވާލާ ފުރުސަތެކެވެ.
މި ފަންޑުގެ ދަށުން ހޮވޭ ކޮންމެ ޕްރޮޖެކްޓަކަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެއެވެ.
Ads by MACL
