ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޓީސީސީގެ ޑެޕިއުޓީ އެމްޑީގެ މަގާމަށް އަހުމަދު މުބީން އައްޔަނުކޮށްފި

އެމްޓީސީސީއާ ގުޅިވަޑައިގަތުމުގެ ކުރިން، މުބީން ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި --- ފޮޓޯ: މުބީންގެ އެފްބީ
އެމްޓީސީސީއާ ގުޅިވަޑައިގަތުމުގެ ކުރިން، މުބީން ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި --- ފޮޓޯ: މުބީންގެ އެފްބީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން މިއަދު އައްޔަނުކޮށްފިއެވެ.

ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އާ އަމާޒުތަކަކަށް ވާސިލުވުމަށް މުބީންގެ ލީޑަޝިޕަށް އެމްޓީސީސީން ވަނީ މަރުހަބާ ކިޔާފައެވެ.

މުބީން މި މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އޭނާގެ ސްޓްރެޓީޖިކް ވިޝަން ނުވަތަ ދުރުވިސްނުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ކާމިޔާބީތަކެއް ލިބޭނެ ކަމަށް ބޯޑު އޮފް ޑިރެކްޓަރުންނާއި މުޅި ޓީމުން ފުރިހަމައަށް އިތުބާރު ކުރާ ކަމަށެވެ.

ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށްވާ އެމްޓީސީސީއާ ގުޅިވަޑައިގަތުމުގެ ކުރިން، މުބީން ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ނަމަވެސް، އެ ކުންފުންޏާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، އޭނާ ވަނީ މީގެ ކުރިން އެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އިތުރުން ދަތުރުފަތުރުގެ މުހިންމު މަޝްރޫއުތައް ހިންގަމުން އަންނަ، ރައްޔިތުންގެ ބޮޑު އިތުބާރެއް އޮތް ސަރުކާރުގެ ކުންފުންޏެކެވެ. މުބީންގެ މި އައު އައްޔަނުކުރުމާއެކު ކުންފުނީގެ ހިންގުމަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.