ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފީފާގެ ކޮންގްރެސްގައި ފަލަސްތީނުގެ ފުޓްބޯޅަ އިދާރާގެ ރައީސް އިޒްރޭލުގެ އޮފިޝަލަކާއެކު ފޮޓޯ ނަގަން އިންކާރުކޮށްފި

ފީފާގެ ކޮންގްރެސްގައި ފަލަސްތީނުގެ ފުޓްބޯޅަ އިދާރާގެ ރައީސް އިޒްރޭލުގެ އޮފިޝަލަކާއެކު ފޮޓޯ ނަގަން އިންކާރުކޮށްފި

ކެނެޑާގެ ވެންކޫވަރގައި ބޭއްވި ފީފާގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފަލަސްތީނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް، އިސްރާއީލުގެ ފުޓްބޯޅަ އޮފިޝަލް ބާސިމް ޝެއިޚް ސުލައިމާނާއެކު ފޮޓޯއަކަށް ހުއްޓުމަށް އިންކާރުކުރައްވައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ދެ ގައުމުގެ މަންދޫބުން ކޮންގްރެސްގައި ވާހަކަދެއްކެވުމަށްފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެ ބޭފުޅުންނަށް އެކުގައި ފޮޓޯއަކަށް ހުއްޓުމަށް ދައުވަތު ދެއްވުމުންނެވެ.

އިންފަންޓީނޯ ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް ރަޖޫބް ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އެ ވަގުތު އޭނާ ވިދާޅުވަމުން ގެންދެވީ "އަހަރެމެން މިދަނީ މެދުކެނޑުމެއް ނެތި ހިތްދަތިކަން ތަހައްމަލު ކުރަމުން" ކަމަށެވެ. މިއީ ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން އަޅަމުންގެންދާ ހުރަސްތަކާއި، ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ހިނގި ކަމެކެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރަޖޫބް ވިދާޅުވީ، ފަލަސްތީނުގައި ހިނގަމުންދަނީ ވަރަށް ބިރުވެރި ކަންތައްތަކެއް ކަމަށާއި، ގާޒާގައި ހުރި ފަލަސްތީނުގެ ހުރިހާ ކުޅިވަރު ވަސީލަތްތަކެއް ސުންނާފަތިކޮށް، އެތައް ސަތޭކަ އެތުލީޓުންނާއި މުވައްޒަފުން މަރާލާފައިވާ ކަމަށެވެ.

"އިސްރާއީލުގެ ފަރާތުން ވާހަކަދެއްކި މީހާ، ފަލަސްތީނުގެ ރައްޔިތުން ތަހައްމަލަށް ކުރަމުންފެންދާ ހިތްދަތިކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ. އަހަރެން އޭނާއާއި ސަލާމްކުރަން އިންކާރުކުރިން. އެފަދަ މީހަކާއެކު އަހަރެން ސަލާމްކޮށް ފޮޓޯ ނަގާނީ ކިހިނެއް؟" ރަޖޫބް ސުވާލު އުފެއްދެވިއެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ އިޒްރޭލުގެ ކްލަބުތަކާ މެދު ފީފާއިން ފިޔަވަޅު ނާޅާތީ، އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީ.އޭ.އެސް) އަށް ހުށަހަޅާފައެވެ. ފަލަސްތީނުން ވަކާލާތު ކުރަނީ އިސްރާއީލުގެ އާބާދުވުންތަކުގައި ހުންނަ ކްލަބުތަކަށް އިސްރާއީލުގެ ފުޓްބޯޅަ ލީގުތަކުގައި ކުޅުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

މި މައްސަލައިގައި އދ. ގެ މާހިރުންވެސް ވަނީ 2024 ވަނަ އަހަރު ކަންބޮޑުވުން ފާޅުކޮށްފައެވެ. އދ. އިން ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އިސްތިއުމާރީ އާބާދުވުންތަކުގައި މަދުވެގެން އަށް ކްލަބެއް އެބަ ހަރަކާތްތެރިވަމުންދެއެވެ. އަދި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމުގެ ޒިންމާ ފީފާއިން އަދާކުރުމަށް އދ. އިން ވަނީ ގޮވާލާފައެވެ.