ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކޮލަމްބޯގައި ސައިބަ ސްކޭމް ހިންގި ޗައިނާގެ 37 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ކޮލަމްބޯގައި ސައިބަ ސްކޭމް ހިންގި ޗައިނާގެ 37 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ލަންކާގެ ވެރިރަށް ކޮލަމްބޯގައި ސައިބަ ސްކޭމް ސެންޓަރެއް ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި ޗައިނާގެ 37 މީހަކު އެ ގައުމުގެ ފުލުހުން އިއްޔެ ހައްޔަރުކޮށްފިއެވެ.

މިއީ ބޭރު ގައުމުތަކުގެ މީހުން އިސްވެ ތިބެ ސްްރީ ލަންކާގައި ހިންގާ އޮންލައިން މަކަރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށް ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރުކުރި ބައެކެވެ.

ފުލުހުންގެ ތަރުޖަމާނު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮލަމްބޯގެ ތަލަންގަމާ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރާއި 44 އަހަރާ ދެމެދުގެ 36 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. މި އެންމެންނަކީ ވެސް ޓޫރިސްޓް ވިސާގައި ލަންކާއަށް އެތެރެވި މީހުންނެވެ. އޭގެ ތެރެއިން ދެ މީހެއްގެ ވިސާގެ މުއްދަތު ހަމަވެފައިވާ ކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މަރުކަޒު ބަލައި ފާސްކުރިއިރު، ސްކޭމް ހިންގުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ މުވާސަލާތީ އާލާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި:

35 ޓެބްލެޓް ކޮމްޕިއުޓަރު

147 މޯބައިލް ފޯނު

100 ސިމް ކާޑު ހިމެނެއެވެ.

ލަންކާގައި މިފަދަ މައްސަލަތައް އިތުރުވަމުންދާއިރު، މީގެ މަހެއްހާ ދުވަސް ކުރިން ވެސް 152 ބޭރު މީހަކު ވަނީ މިފަދަ ތުހުމަތުތަކުގައި ހައްޔަރުކޮށްފައެވެ. އަދި މިދިޔަ މާޗު މަހު ހައްޔަރުކުރި ޗައިނާގެ 135 މީހަކު މިހާރު ވަނީ އެ ގައުމުން ޑީޕޯޓްކޮށްލާފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ މިހާތަނަށް ސައިބަ ކްރައިމްގެ މައްސަލަތަކުގައި ޗައިނާގެ 230 މީހަކާއި އިންޑިއާގެ 200 މީހަކު ލަންކާއިން ވަނީ ހައްޔަރުކޮށްފައެވެ.

ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން ބުނީ، މިފަދަ ކުށްތައް ހުއްޓުވުމަށް ލަންކާގެ ސަރުކާރާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްބަސީން ފާހަގަކުރި ގޮތުގައި، ލަންކާގެ މުއާސަލާތީ ނިޒާމު ކުރިއަރާފައިވުމާއި، ވިސާގެ ކަންކަން ފަސޭހަވުމަކީ ކުށްކުރާ ގުރޫޕްތަކުން އެ ގައުމަށް ޝައުގުވެރިވާ މައިގަނޑު ސަބަބުތަކެވެ.