ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާގެ ފޮރިން މިނިސްޓަރު ރައީސް މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ފޮރިން މިނިސްޓަރ ރައީސް ޑރ.މުޢިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާގެ ފޮރިން މިނިސްޓަރ ރައީސް ޑރ.މުޢިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ވިޖިތަ ހޭރަތު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރައްވައި، މިއީ އެއްގޮތް އުސޫލުތަކަކާއި ހިއްސާކުރަނަވި މަބްދައުތަކެއްގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމަށް ފައިދާހުރި ގޮތެއްގައި މި ގުޅުން ދެމެހެއްޓުމުގެ ޔަގީންކަން ދެ ފަރާތުންވެސް ވަނީ އަރުވާފައެވެ.

މީގެ އިތުރުން، ދެ ގައުމުގެ ތަރައްގީއަށް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން އިތުރު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ތަފުސީލީ ގޮތެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި މަހުގެ 3 އިން 6 އަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދައުލަތުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.