ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސް ސޯލިހާއެކު ނަގަނީ މެންބަރުން ރުއްސަން ނަގާ "ފޭކު" ފޮޓޯތަކެއް ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައީސް ނަޝީދު ވިދާޅުވާ ފަދަ ފޭކް ފޮޓޯއެއް ---
ރައީސް ނަޝީދު ވިދާޅުވާ ފަދަ ފޭކް ފޮޓޯއެއް ---

އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ފޮރުވުމަށްޓަކައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކުގައި ނަންގަވާ ފޮޓޯތަކަކީ ޕާޓީގެ އާންމު މެންބަރުންގެ ލޮލުގައި އަނދުން އެޅުވުމަށް ނަގާ "ފޭކު" ފޮޓޯތަކެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައި، ކެމްޕެއިން ދަތުރުފުޅެއްގައި ރަށަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، ދެ ރައީސުން އެކުގައި ފޮޓޯއެއް ނަގަނީ މައްސަލަތައް ހައްލުވީކަން ދެއްކުމަށް ކަމަށް ވިޔަސް، ހަގީގަތުގައި ހިތްހަމަނުޖެހުންތައް އެގޮތުގައި ދެމިއޮންނަ ކަމަށެވެ.

ޗެއާޕާސަން އިންތިޚާބު ފަސްކުރުމަށް ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ލަފާދެއްވާފައިވާ ދަނޑިވަޅެއްގައި، އެކަމާ ނުރުހުން ފާޅުކުރައްވަމުން ނަޝީދު ވިދާޅުވީ އިންތިޚާބު ފަސްކުރުމުގެ ބަދަލުގައި މިހާރުން މިހާރަށް އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ތެރޭގައި ރައީސް ސޯލިހާ މެދު ހިތްހަމަނުޖެހޭ ބަޔަކާއި، އަދި އެމަނިކުފާނާ މެދު ހިތްހަމަނުޖެހޭ ބަޔަކުވެސް އެބަތިއްބެވެ. އެހެންކަމުން، ގިނައީ ކޮން ފިކުރެއްގެ ބައެއްތޯ ކަނޑައެޅުމަށް އޮތް އެންމެ ސައްހަ މަގަކީ ވޯޓުލުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި އޮތް ދެ ފެކްޝަނުގެ މެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. ދެ ފަރާތުންވެސް ކެމްޕެއިން ފޯރިއާއެކު ކުރިއަށްގެންދާއިރު، އެއް ފަރާތުން އަނެއް ފަރާތަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. ނަޝީދުގެ މި ވާހަކަފުޅާއެކު، ޕާޓީގެ ލީޑަރޝިޕްގެ މެދުގައި އޮތް ރެނދު ކުރިއަށްވުރެ ބޮޑުވެފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.