އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ޓައިމްލައިން މަޑުޖައްސާލަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާ ގުޅޭ އުސޫލުތަކާ ޚިލާފަށް ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށްދާ ކަމަށް ބުނެ، އެ އިންތިޚާބަށް ކަނޑައަޅާފައިވާ ތާވަލު ނުވަތަ ޓައިމްލައިން ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު އިސްވެ ހުންނަވައި ހުށަހެޅުއްވި މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް އިންތިޚާބުގެ ކަންކަން ތަރުތީބު ކުރަމުންދާ ކަމުގެ ކަންބޮޑުވުންތަކެވެ.
ޝާއިރު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޯޓަށް ދާން މަޖުބޫރުވީ އިންތިޚާބާ ގުޅޭގޮތުން ހުރި ޝަކުވާތައް ބަޔާންކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕާޓީއަށް ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ ކަމަށެވެ. ޕާޓީގެ އިންތިޚާބާ ބެހޭ ގަވާއިދުގައިވާ ގޮތުން ހުށަހަޅާ ޝަކުވާތަކަށް 48 ގަޑިއިރު ތެރޭގައި ޖަވާބު ދޭންޖެހުނު ނަމަވެސް، 10 ދުވަސް ވެގެންދިޔައިރުވެސް އެއްވެސް އިޝާރާތެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ އަސްލަކީ އިންތިޚާބު ހުއްޓުވުން ނޫން ކަމަށާއި، ބޭނުމަކީ ގާނޫނީ ގޮތުން ގޯސްކޮށް އޮތް ޓައިމްލައިން އިސްލާހުކުރުން ކަމަށް ޝާއިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން އިންތިޚާބުގެ ކަންކަން ރާވާ، ޓައިމްލައިން ކަނޑައެޅުމުގެ އިހުތިސާސް ލިބިގެންވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށެވެ. ނަމަވެސް މިހާރު އެ ބާރުގެ ބޭނުން ހިފަމުންދަނީ އުސޫލުތަކާ ބޭރުން އެހެން ފަރާތްތަކަކުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"އަސާސީ ގަވާއިދަކީ ޕާޓީގެ 'ކޮންސްޓިޓިއުޝަން'. އެހެންވީމާ 'ސުޕްރެމަސީ އޮފް ކޮންސްޓިޓިއުޝަން' ގެ އުސޫލުން އަސާސީ ގަވާއިދާ ތައާރުޒުވާ އެއްވެސް ކަމެއް ނުކުރެވޭނެ،" ޝާއިރު ވިދާޅުވިއެވެ. އޭނާ އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، އިސްތިއުނާފު މަޖިލީހުގެ ރައީސް ޓައިމްލައިން ކަނޑައެޅުއްވުމުން، އެއާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަކީ އިންތިޚާބީ ކޮމިޓީގެ ޒިންމާއެކެވެ.
މީގެ އިތުރުން، އިސްތިއުނާފު މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީއަކަށް ޕާޓީގެ ޗެއާޕާސަންގެ ފަރާތުން ހުރަސް އަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޝާއިރު ވަނީ ތުހުމަތު ކުރައްވާފައެވެ. މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
Ads by MACL
