ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން --- ފޮޓޯ: ރައީސް އޮފީސް
ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން --- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެ ޤައުމުގެ ސަރުކާރުން މިއަދު ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.

ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ބޭއްވި މި ޝަރަފުވެރި ރަސްމިއްޔާތުން ރައީސް މުޢިއްޒަށް އިސްތިޤްބާލު ކުރެއްވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކައެވެ.

މި އިސްތިޤްބާލީ ރަސްމިއްޔާތު ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އެރުވި 21 ބަޑީގެ ސަލާމަކުންނެވެ. އޭގެ ފަހުން، ސްރީލަންކާގެ އަސްކަރިއްޔާއިން އެމަނިކުފާނުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނާއެއް ރައީސް މުޢިއްޒު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.

ރަސްމިއްޔާތުގެ ތެރެއިން، ސްރީލަންކާ ސަރުކާރުގެ އިސް ޢިއްޒަތްތެރިން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށްދެއްވިއިރު، ރައީސްގެ އަރިހުގައި ވަޑައިގެންނެވި ރާއްޖޭގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން ލަންކާގެ ރައީސަށް ވަނީ ތަޢާރުފުކޮށްދީފައެވެ. މި ވަފުދުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އެކި ދާއިރާތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މަރުޙަބާ ދެންނެވުމުގެ ރަސްމީ ކަންކަމަށްފަހު، ދެ ޤައުމުގެ ވެރިން ވަނީ ރަސްމީ ފޮޓޯއެއް ނަންގަވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ރައީސް މުޢިއްޒު ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2025 ވަނަ އަހަރުގެ ޖުލައި މަހު ލަންކާގެ ރައީސްވެސް ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.