ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީގެ އިންތިހާބު ކޯޓަށް ވެއްދުމަކީ ޕާޓީގެ ސިފަތަކާ ބީރައްޓެހި އަމަލެއް: މީކާއިލް

އެމްޑީޕީގެ އިންތިހާބު ކޯޓަށް ވެއްދުމަކީ ޕާޓީގެ ސިފަތަކާ ބީރައްޓެހި އަމަލެއް: މީކާއިލް

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގެ ކަންކަން ވަކި ގޮތަކަށް ނިންމުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމަކީ އެ ޕާޓީން ގަބޫލުކުރާ އަސާސީ ސިފަތަކާ މުޅިން އިދިކީލި، ބީރައްޓެހި އަމަލެއް ކަމަށް ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ބާތިލްކޮށްދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ވަކީލް އަބްދުﷲ ޝާއިރު މެދުވެރިކޮށް ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައިވަނީ، މިހާރު އިއުލާންކޮށްފައިވާ އިންތިހާބުގެ ތާރީޚުތަކަކީ ރައީސް ނަޝީދުގެ ކެމްޕޭން ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ކަނޑައަޅާފައިވާ ތާރީޚުތަކެއް ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން މީކާއިލް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އިންސާފުވެރިކަމާ އެކު ކަންކަން ނިންމުމުގެ ސަގާފަތެއް އޮތް ޕާޓީއެއް ކަމަށާއި، ޕާޓީގެ އެތެރޭގެ މައްސަލަތައް ކޯޓަށް ވެއްދުމަކީ ޕާޓީގެ މަސްލަހަތު ނަގާލައި އަގު ވައްޓާލުން ކަމަށެވެ.

އިންތިހާބު ކުރިންވެސް ތާވަލުކުރެވިފައިވާ ގޮތަށް ޖޫން 12 ގައި ބޭއްވުމަށް ގޮވާލައްވަމުން މީކާއިލް ވިދާޅުވީ، އިންތިހާބު އެންމެ ދުވަހަކަށް ފަސްކުރުމަކީ ވެސް އޭނާ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

މެޗެއް ކުޅެން ފެށުމަށްފަހު ގޯލް ޕޯސްޓް ބަދަލުކުރުމަކީ އިންސާފެއް ނޫންކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ، 2013 ވަނަ އަހަރު ރާއްޖޭގެ އިންތިހާބީ ނިޒާމާ ކުޅެ އިންތިހާބުތައް ބާތިލްކުރި ދުވަސްވަރު އެމްޑީޕީގެ މެންބަރުން މަގުމައްޗަށް ނުކުތީ ހަމަ މިފަދަ އުސޫލުތައް ނެގެހެއްޓުމަށް ކަމަށެވެ.

މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި އިންތިހާބުގެ ޓައިމްލައިން ބަދަލުކުރަން އުޅެނީ ވަކި ބަޔަކަށް ޖާގަ ހުޅުވައިދިނުމަށާއި، ޕީއެންސީ ފަދަ އިދިކޮޅު ފަރާތްތަކުން ޕާޓީގެ މެންބަޝިޕަށް ނުފޫޒު ފޯރުވުމަށް ފުރުސަތު ދިނުމުގެ ބޭނުމުގަ އެވެ.

މީގެ އިތުރުން ޕާޓީގެ މަތީ ފަޑީގައި ތިއްބަވަން ވާނީ އާންމު މެންބަރުންގެ ވޯޓުން އިންތިހާބުވާ ބޭފުޅުން ކަމަށާއި، އިންތިހާބަކާ ނުލައި ވަގުތީ ގޮތުން ޗެއާޕާސަން ކަމާ ހަވާލުވުމުގެ އުސޫލަށް އޭނާ ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޕާޓީގެ މާލީ ހާލަތު ދަށްވެ އެކައުންޓުތައް ފްރީޒްކޮށްފައި އޮތް ނަމަވެސް، ފައިސާ ނެތް ކަމަށް ބުނެ ޕާޓީގެ އަސާސީ އިންތިހާބުތައް ފަސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށް މެންބަރުން ގަބޫލުކުރާ ކަމަށާއި، އެހެންކަމުން ބޭނުންވަނީ ވަކި ފަރާތަކަށް ނުޖެހޭ "ނިއުޓްރަލް" ޗެއާޕާސަނެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.