ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާގައި އިންވެސްޓްކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ރައީސް ޑިސަނާޔަކެ ދައުވަތު ދެއްވައިފި

ލަންކާގައި އިންވެސްޓްކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ރައީސް ޑިސަނާޔަކެ ދައުވަތު ދެއްވައިފި

ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި، މުހިންމު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށް، ލަންކާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހި ވިޔަފާރިވެރިންނަށް ގޮވާލައްވައިފިއެވެ.

މި ދައުވަތު އެމަނިކުފާނު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމީ ބައްދަލުވުމުގައެވެ.

ލަންކާގެ ރައީސް އޮފީހުގައި ބޭއްވި މި މަޝްވަރާތަކުގައި، އެ ގައުމުގެ އިގްތިސާދު އާރާސްތުކުރުމުގައި ދިވެހިންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ރައީސް ޑިސަނާޔަކެ ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީއާއި، އޭއައި އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތައް މުއްސަނދިކުރުމުގެ ދާއިރާއިން އިންވެސްޓްމަންޓްތަކަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓް ފަދަ މުހިންމު ސިނާއަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު ހަތް ފަހުމުނާމާގެ ސަބަބުން، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ދެ ގައުމަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ދެ ލީޑަރުންވެސް ގަބޫލުފުޅު ކުރައްވައެވެ. މިއަދު ސޮއިކުރެވުނު ދާއިރާތަކަކީ:

  • ފަތުރުވެރިކަމުގެ ދާއިރާ

  • ތައުލީމާއި މަތީ ތައުލީމުގެ ދާއިރާ

  • ސިއްހީ ދާއިރާ

  • ކުޅިވަރާއި ޒުވާނުންގެ ތަރައްގީ

  • އަރުޝީފު ބެލެހެއްޓުން

  • ދިފާއީ ދާއިރާ

މި ދަތުރުފުޅަކީ ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ވަރުގަދަކޮށް، ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދިޔަ މުހިންމު ދަތުރުފުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.