މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭއަށް އިންޑިއާގެ ސިޔާސީ މައިދާނުގައި ތާރީޚީ ބޮޑު ކާމިޔާބީއެއް!
އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ އިންތިޚާބުގައި މަޝްހޫރު އެކްޓަރު ސީ. ޖޯސެފް ވިޖޭ، ނުވަތަ އާންމު ނަމުން ނަމަ ’ތަލަޕަތީ‘ ވިޖޭ، ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
މެއި 4، 2026 ގައި އިއުލާނުކުރި އިންތިޚާބުގެ ނަތީޖާއިން ދައްކާގޮތުގައި، ވިޖޭގެ އާ ޕާޓީން ވަނީ ޓެމިލް ނާޑޫގެ ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ވަންދެން ރަސްކަންކުރި ދެ ޕާޓީ ބަލިކޮށް، ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
2024 ވަނަ އަހަރު ވިޖޭ އުފެއްދި ތަމަޅަގަ ވެޓްރީ ކަޒަގަމް (ޓީވީކޭ) އިން ވަނީ ޓެމިލް ނާޑޫ އެސެމްބްލީގެ 234 ގޮނޑީގެ ތެރެއިން 107 ގޮނޑި ކާމިޔާބުކޮށްފައެވެ.
Ads by BMLމިއީ އެ ސްޓޭޓްގައި ވެރިކަން ކުރަމުން އައި ޑީއެމްކޭ އާއި އޭއައިއޭޑީއެމްކޭ ފަހަތަށް ޖައްސާލުމަށްފަހު ހޯދި ވަރުގަދަ ކާމިޔާބީއެކެވެ. މީގެ ކުރިން ’އިލަޔާ ތަލަޕަތީ‘ ނުވަތަ ޒުވާން ކޮމާންޑަރުގެ ނަމުން މަޝްހޫރުވި ވިޖޭ، މިހާރު ވަނީ ސިޔާސީ މައިދާނުގައި ހަގީގީ ’ތަލަޕަތީ‘ (ކޮމާންޑަރު) އެއްގެ ދައުރު އަދާކުރާބެ ލީޑަރަކަށް ވެފައިއެވެ.
ޖޫން 22، 1974 ގައި ފިލްމީ އާއިލާއަކަށް އުފަންވި ވިޖޭގެ ފިލްމީ ކެރިއަރު ފެށުނީ 1990 ގެ އަހަރުތަކުގައެވެ. ގާތްގަނޑަކަށް 30 އަހަރުގެ ތެރޭގައި 70 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ވިޖޭ އަކީ އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ.
ފިލްމީ މައިދާނުގައި ލޯބީގެ ރޯލުތަކުން ފެށި ނަމަވެސް، ފަހަކަށް އައިސް އޭނާ ކުޅެފައިވަނީ ކޮރަޕްޝަނާއި ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރާ ’ސޭވިއަރ‘ ނުވަތަ ސަލާމަތްތެރިއެއްގެ ރޯލުތަކެވެ.
މި އިންތިޚާބުގެ ނަތީޖާއާއެކު، ވިޖޭގެ ފިލްމީ މަގުބޫލުކަން ސިޔާސީ ބާރަކަށް ބަދަލުވެދާނެތޯ އުފެދުނު ސުވާލުތަކަށް ވަނީ ޖަވާބު ލިބިފައެވެ. 51 އަހަރުގެ މި ފަންނާނު ވަނީ އޭނާގެ ފުރަތަމަ އިންތިޚާބީ ކުރިމަތިލުމުގައި ރައްޔިތުންގެ ވަރުގަދަ ތާއީދެއް ހޯދައި، ޓެމިލް ނާޑޫގެ ސިޔާސީ މުސްތަގުބަލު ބަދަލުކޮށްލާފައެވެ.
Ads by MACL
