ތާރީޚުގައި ފުރަތަމަ ފަހަރަށް، ތެލުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ޗައިނާގެ އެހީއަށް އެދިއްޖެ
ދުނިޔޭގެ ސިޔާސީ މަސްރަހުގައި ތާރީޚީ ބަދަލެއް އައިސް، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ ތެލުގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވުމަށް އެމެރިކާއިން ތަކުރާރުކޮށް ޗައިނާގެ ކިބައިން އާދޭސްކުރަން ފަށައިފިއެވެ. މިއީ މިފަދަ ކަމެއްގައި އެމެރިކާއިން ޗައިނާގެ އެހީތެރިކަމަށް މި މިންވަރަށް އެދުނު ފުރަތަމަ ފަހަރެވެ.
މި މައްސަލައިގައި ޗައިނާއިން ވަނީ ވަރަށް ސާފު އަދި ހަރުކަށި ރައްދެއް ދީފައެވެ. ޗައިނާއިން ރަސްމީކޮށް ބުނެފައިވަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގައުމުން ބަލައިނުގަންނަ ކަމަށެވެ. އަދި އީރާނުން ތެޔޮ ގަތުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށްވެސް ޗައިނާއިން ވަނީ ކަނޑައަޅާފައެވެ.
ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލި ގޮވާލުންތަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ފުރަގަސްދީފައެވެ. މިކަމުގައި އެމެރިކާއަށް އެއްބާރުލުން ނުދިނުމަށް ނިންމި ގައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން ފްރާންސް، ޖަޕާން، ސައުތު ކޮރެއާ، ޔުނައިޓެޑް ކިންގްޑަމް، އޮސްޓްރޭލިއާ އަދި ޖަރުމަނުވިލާތް ހިމެނެއެވެ.
މި ގައުމުތަކުން އެމެރިކާގެ ނިންމުންތަކަށް އަމަލުނުކުރުމަކީ ބައިނަލްއަގުވާމީ މަސްރަހުގައި އެމެރިކާގެ ނުފޫޒު ކުޑަވަމުންދާކަމުގެ ނިޝާނެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. ވަކިން ހާއްސަކޮށް، އެމެރިކާގެ ގާތް އެކުވެރި ގައުމުތަކުންވެސް މި މައްސަލައިގައި އަމިއްލަ އިގްތިސާދީ މަސްލަހަތު އިސްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި ހާލަތުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، ހޯރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް ޗައިނާގެ ދައުރު މިހާރު ވަނީ ވަރަށް މުހިންމު ވެފައެވެ.
Ads by MACL
