ޔޫއޭއީއަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ ރައީސް ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ
މި ހަމަލާތަކަކީ ސަރުކާރުގެ އެއްވެސް މަޝްވަރާއެއް ނުވަތަ ހުއްދައެއް ނެތި އައިއާރުޖީސީން އަމިއްލައަށް ނިންމައިގެން ދީފައިވާ ހަމަލާތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. މިކަމުގެ ސަބަބުން ރައީސް ޕެޒެޝްކިއަން "އިންތިހާއަށް ކޯފާވެފައި" ހުންނެވި ކަމަށް އެކި މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅިގެން އީރާނުގެ ދާޚިލީ ސިޔާސީ މަސްރަހުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، މިއީ ސަރުކާރާއި އަސްކަރީ ބާރުގަދަ ޖަމާއަތެއް ކަމަށްވާ އައިއާރުޖީސީއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އީރާނުގެ ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ދީފައިވާ ކަމަށާއި ބައެއް ހަމަލާތައް، ހަކަތަ އުފައްދާ ކާރުހާނާއަކަށް އަމާޒުވެ އެތަނުގައި ރޯވެފައިވާ ކަމަށް ޔޫއޭއީ އިން ރޭ ވަނީ ބުނެފައެވެ.
ނަމަވެސް އީރާންގެ ގައުމީ ޓީވީން ވަނީ ޔޫއޭއީއަށް ހަމަލާދިނުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ބުނެ، މިއީ އެ ގައުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ. ޔޫއޭއީން ބުނީ މި ހަމަލާތަކުގެ ރައްދު ދިނުމުގެ ހުރިހާ ހައްގެއް ޔޫއޭއީއަށް ލިބިފައިވާ ކަމަށެވެ.
މިއީ ހާލަތު އިތުރަށް ގޯސްކުރުމަށް ދިން ނުރައްކާތެރި ހަމަލާތެއް ކަމަށް ބުނެ ޔޫއޭއީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
އަނެއްކޮޅުން، އުމާނުން ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ އައްސޭރީގައި އޮންނަ ބުޚާގެ އިމާރާތަކަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ބުނެފަ އެވެ. ހަމަލާ އެރީ ކުންފުންޏެއްގެ މުވައްޒަފުން ތިބޭ އިމާރާތަކަށް ކަމަށާއި ހަމަލާގައި ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާތައް ހިނގާފައި މި ވަނީ އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ. އީރާނުން ބުނެފައިވަނީ ހޮރްމޫޒު ކަނޑުއޮޅިއަށް ބޭރުގެ އަސްކަރިއްޔާއަކުން، އަދި ހާއްސަކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވަދެފި ނަމަ އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމުގައި ބަލާނެ ކަމަށެވެ.
ހަމަލާ ދިނުމުގެ ކުރިން އެމެރިކާއިން ވަނީ އެ ގައުމުގެ މަނަވަރުތަކެއް ހޮރްމޫޒް ކަނޑުއޮޅިއަށް ވަދެ އެމެރިކާގެ ދެ ބޯޓެއް ރައްކާތެރިކަމާ އެކު އެ ސަރަހައްދުން ނެރެގެން ގެންދިޔަ ކަމަށް ބުނެފަ އެވެ.
Ads by MACL
