ދިވެހިރާއްޖެއަކީ އިންވެސްޓަރުންނަށް އިތުބާރުހުރި މަންޒިލެއް: ރައީސް މުޢިއްޒު
ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑު ހަރުދަނާކޮށް، ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކަށް ފަހި ވާދަވެރި މާހައުލެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ބާރުމިނުގައި ކުރިއަށްގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގައި ބޭއްވި "މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމް" ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމަކީ އިޤްތިޞާދީ އަދި އިސްތިރާޖީ ގޮތުން ނުހަނު ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި ރާއްޖެ މިއަދު އޮތީ ތަރައްޤީގެ މުހިންމު ހަރުފަތެއްގައިކަން ފާހަގަކުރައްވައި، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ސިޔާސަތުތައް ތަންފީޒުކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ތަރައްޤީގެ ދަތުރުގައި އިންވެސްޓަރުންނަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި، 40 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ބަދަލުތަކެއް ގެނެސް، އިންވެސްޓްކުރުމުގެ އުޞޫލުތައް އިސްލާހުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ބަދަލުތަކުގެ ބޭނުމަކީ އިންވެސްޓަރުންނަށް ސާފު އަދި އިތުބާރުހުރި މަގެއް ކޮށައިދިނުން ކަމަށާއި، ބޭރުގެ އިންވެސްޓްމެންޓްތަކަށް އައު ދޮރުތަކެއް ހުޅުވައިދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާކަމުގެ މިސާލެއްގެ ގޮތުން، ގޫގުލް ފަދަ ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކުގެ އިންވެސްޓްމެންޓްތައް ރާއްޖެއަށް އަންނަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކުން ރާއްޖޭގެ މާހައުލަށް ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ވިޔަފާރިތައްވެސް ބޭރު ޤައުމުތަކުގައި، ހާއްސަކޮށް ސްރީލަންކާގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން ހުރިކަން ހާމަކުރައްވަމުން، ދެ ޤައުމަށްވެސް އެންމެ ފައިދާހުރި ގޮތަކީ ދެކޮޅަށްވެސް ފަހި އިންވެސްޓްމެންޓް މާހައުލެއް އޮތުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލަންކާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމެންޓްތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމައަށް ދައުވަތު އަރުވާފައެވެ.
Ads by MACL
