ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ސަގާފީ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކޮލަމްބޯގައި ހުންނަ އެ ޤައުމުގެ ޤައުމީ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ އާދަކާދައާއި ތާރީޚީ އެއްގޮތްކަންކަން ދެނެގަތުމަށާއި ސަގާފީ ގުޅުންތައް އާލާކުރުމަށް ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.
ދާރުލްއާސާރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން އެތަނުގެ އިސްވެރިން ވަނީ ހޫނު މަރުހަބާއެއް ދަންނަވައި، އެތަނުގައި ހުރި ތާރީޚީ މުހިންމު ތަކެއްޗާއި ގެލެރީތައް ދައްކާލައި، ސްރީލަންކާގެ މުއްސަނދި ތަރިކައާ ބެހޭ މަޢުލޫމާތު އަރުވާފައެވެ.
މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، ލަންކާގެ ތާރީޚީ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި ބަޔާނެއް ލިޔުއްވާފައެވެ.
މިފަދަ ޒިޔާރަތްތަކުގެ ސަބަބުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން އާ މަރުހަލާއަކަށް ދާނެކަމަށް ބެލެވެއެވެ.
Ads by MACL
