ޕީއެންސީގެ ޑެޕިއުޓީ އެސްޖީގެ މަގާމަށް ލަމްއާން އައްޔަންކޮށްފި
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ލަމްއާން މިއަދު އައްޔަންކޮށްފިއެވެ.
ލަމްއާން މި މަގާމަށް ހަމަޖެއްސިކަން އިއުލާންކޮށް ޕީއެންސީން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
މި މަހުގެ 1 ވަނަ ދުވަހު އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ލަމްއާން ހުންނެވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.
ޕީއެންސީގެ އިދާރީ އޮނިގަނޑަށް މި ގެނައި ބަދަލާއެކު، ލަމްއާން މަސައްކަތް ކުރައްވާނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީގެ ދަށުންނެވެ. ފަތުހީ އެ މަގާމަށް އައްޔަންކުރީ ކުރިން އެސްޖީގެ މަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒް އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު ޕާޓީގެ މަސައްކަތްތައް އަލުން ބައްޓަންކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
Ads by MACL
