ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްޓީއޯގެ ބޭސްފިހާރަތައް "ސްޓޭޓް ފާމަސޫޓިކަލް" ގެ ދަށަށް ބަދަލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ---
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ---

ރާއްޖޭގެ ބޭހުގެ ބާޒާރު އެއްފުރާޅެއްގެ ދަށަށް ގެނެސް، ހުރިހާ ބޭހެއް އެއް ފާމަސީއަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެސްޓީއޯގެ ބޭސްފިހާރަތަކާއި އަސާސީ ބޭސް އެތެރެކުރުމުގެ ޒިންމާ "ސްޓޭޓް ފާމަސޫޓިކަލް" ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބޮޑު ބަދަލު އަމަލީ ގޮތުން ފެންނަން ފަށާނެ ކަމަށެވެ.

މިހާރު ދައުލަތުގެ ދެ ކުންފުންޏަކުން ބޭހުގެ ކަންކަން ބަލަހައްޓަމުން ދިޔަ ނަމަވެސް، ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ މި މަސައްކަތުގެ ދަށުން ބޭހާ ގުޅޭ ހުރިހާ އޮޕަރޭޝަނެއް ސްޓޭޓް ފާމަސޫޓިކަލްގެ ދަށަށް ޖަމާކުރެވޭނެއެވެ. ޑރ. ޝާހް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބާޒާރުގައި ބޭސް ލިބުމަށް އެއްވެސް ދަތިކަމެއް ނާންނާނެހެން، އެކި ފޭސްތަކަކަށް ބަހާލައިގެންނެވެ.

މީގެ އިތުރުން، މި ބަދަލުގެ އަމަލީ މަސައްކަތުގެ ތެރެއިން އަންނަ ހަފްތާގައި އައިޖީއެމްއެޗްގައި ސްޓޭޓް ފާމަސޫޓިކަލްގެ އައު ބޭސްފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންދާކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

މި އިސްލާހީ ބަދަލުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭސް ހޯދުމުގައި ހުރި އުނދަގޫތައް ނައްތާލައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމްކުރުމެވެ.