ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން ހަރުދަނާކުރަން ބީއެމްއެލް އާއި އިމިގްރޭޝަނުން ޑިޖިޓަލް ޕާޓްނާޝިޕެއް ގާއިމްކޮށްފި

ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން ހަރުދަނާކުރަން ބީއެމްއެލް އާއި އިމިގްރޭޝަނުން ޑިޖިޓަލް ޕާޓްނާޝިޕެއް ގާއިމްކޮށްފި

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގްސަދުގައި، މޯލްޑިވްސް އިމިގްރޭޝަނާއެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް ގާއިމްކޮށް އަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމުގެ ދަށުން ބޭންކުގެ ކަސްޓަމަރުން ކުރާ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އާ ނިޒާމެއް ތައާރަފްވެގެންދާނެއެވެ.

މި އައު ނިޒާމުގެ ދަށުން، ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ކުރާ މުއާމަލާތްތައް އޮތަރައިޒް ކުރާއިރު، ކާޑުގެ ވެރިފަރާތް އެވަގުތު ހުރީ ރާއްޖޭން ބޭރުގައިތޯ ނުވަތަ ރާއްޖޭގައިތޯ އޮޓޮމެޓިކުން ކަށަވަރު ކުރެވޭނެއެވެ. މިއާއެކު، ރާއްޖެއިން ބޭރުގައި ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރެގެން ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނެލްތަކުގައި ކުރާ މުއާމަލާތްތައް ކުރެވޭނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމައެވެ. އެހެންކަމުން، އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖެއިން ބޭރުގައި ބޭނުންކުރުން މި ނިޒާމުގެ ސަބަބުން ހުއްޓުވޭނެއެވެ. ނަމަވެސް، މި ބަދަލުގެ ތެރޭގައި އީކޮމާސް ނުވަތަ އޮންލައިން ޓްރާންސެކްޝަންތައް ނުހިމެނެއެވެ.

މައުލޫމާތުގެ ރައްކާތެރިކަމާއި އޮތަރައިޒޭޝަން ޕްރޮސެސް


ބޭންކުން ހާމަކުރި ގޮތުގައި މި މަސައްކަތް ކުރިއަށްދަނީ އެއްފަރާތުން އަނެއްފަރާތަށް ކަސްޓަމަރުގެ އަމިއްލަ މައުލޫމާތު ހިއްސާކޮށްގެނެއް ނޫނެވެ. ކާޑުން ޓްރާންސެކްޝަނެއް ހަދާއިރު ހިނގާ އޮޓޮމެޓިކް އޮތަރައިޒޭޝަން ޕްރޮސެސްގެ ތެރެއިން، ކާޑުގެ ސައްހަކަމާއި ބެލެންސް ހުރިތޯ ބަލާ ބެލުމުގެ ތެރެއަށް މިހާރު އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަން ވަނީ އިތުރުކުރެވިފައެވެ. މީގެ ސަބަބުން ރާއްޖެއިން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު އެ މީހަކީ ރާއްޖެއިން ބޭރުގައި ހުރި މީހެއްކަން ސިސްޓަމުން ވަގުތުން ދެނެގަންނާނެއެވެ.

މިއީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމާއި މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ހާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭގި ކާޑު ނަކަލުކޮށްގެން ނުވަތަ ވަގަށް ނަގައިގެން ރާއްޖޭން ބޭރުގައި ހުއްދަނެތް މުއާމަލާތްތައް ހިންގާ މައްސަލަތައް ހައްލުކުރުމަށް ބޭންކުން ވަނީ އިސްކަންދީފައެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކާއި ސަލާމަތީ ކުރިއެރުން


ބޭންކުގެ ކާޑު ބޭނުންކުރުމުގެ އާންމު އުސޫލުތަކުގެ ދަށުން، ވެރިފިކޭޝަން ހަދަންޖެހޭ މައުލޫމާތު ހޯދުމުގެ ހުއްދަ ކާޑުގެ ވެރިފަރާތުން ބޭންކަށް އަބަދުވެސް އޮންނަނީ ދީފައެވެ. މި އައު އިންޓަގްރޭޝަންއާއެކު އެ މާއްދާ މިހާރު ވަނީ އިތުރަށް ތަފްސީލް ކުރެވިފައެވެ. ކާޑުގެ މުއާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކްތަކުގެ މިންގަނޑުތަކުގެ ދަށުން ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މި ފިޔަވަޅާއެކު ބީއެމްއެލް ވެފައިވަނީ ބޭންކިންގ ސަލާމަތީ ކަންކަމުގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ބޭންކަކަށެވެ. މިއީ އާންމު ބޭންކިންގ ސިސްޓަމްތަކުން އެކަނި ފޯރުކޮށްނުދެވޭނެ ފަދަ މަތީ ފަންތީގެ ރައްކާތެރިކަމެއް ކަމުގައި ބޭންކުން ފާހަގަކުރެއެވެ. ބޭންކުގެ އަމާޒަކީ ކޮންމެ މުއާމަލާތަކީވެސް ރައްކާތެރި އަދި ކަށަވަރުކުރެވިފައިވާ މުއާމަލާތެއްކަން ޔަގީންކުރުމެވެ.