އީރާނުގެ އަސްކަރިއްޔާ މުޅިން ހަލާކުކޮށްލައިފިން، ދެން މިހާރު ބިރެއް ނުދެއްކޭނެ: ޓްރަމްޕް
އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނުގެ އަސްކަރިއްޔާ މުޅިން ބަލިކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވޮޝިންޓަންގެ އޯވަލް އޮފީހުގައި ކުދިންގެ ދުޅަހެޔޮކަމާ ގުޅޭ ގަރާރެއްގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުގެ އަސްކަރިއްޔާ ވަރަށް ބޮޑަށް ބަލިކޮށްލެވިފައިވާ ކަމަށެވެ.
"އަހަރެމެން އެމީހުން ވަރަށް ބޮޑަށް ބަލިކޮށްލައިފިން، މިހާރު އެމީހުންގެ އަތުގައި އޮތީ ކުރީކޮޅުގައި މެޝިން ބަޑި ހަރުކޮށްފައި ހުރި ކުދި ބޯޓުތަކެއް އެކަނި" އީރާނުގެ ކަނޑުގެ ސިފައިންނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. އަދި އީރާނުގެ އަތުގައި އޮތް ކޮންމެ މަނަވަރެއް މިހާރު އޮތީ ކަނޑުގެ އަޑީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by BMLއީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެ ގައުމުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ބަލިމަޑުކަމެއްގައި ތިބި ބައެއްކަމަށާއި އަދި މޮޔައިންގެ އަތަށް ނިއުކްލިއާ ހަތިޔާރު ލިބުނަކަ ނުދޭނެ ކަމަށެވެ. މުޅި ހަނގުރާމައަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ އެމެރިކާއިން ދަނީ ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން ކަމަށެވެ.
މީގެ އިތުރުން، އެމެރިކާގެ ސިފައިން އަސްކަރީ ކުރިމަތިލުމެއްގައި ބައިވެރިވި ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ސެންޓްކޮމް އިން އިއްޔެ ބުނެފައިވަނީ ހޯރްމުޒް ކަނޑުއޮޅީގައި ކުރިއަށްދާ "އޮޕަރޭޝަން ފްރީޑަމް" ގެ ދަށުން އީރާނުގެ މަދުވެގެން ހަ ކުދި ބޯޓު ފައްތާލާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނަކީ ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުތައް ރައްކާތެރިކަމާއެކު ދަތުރުކުރުމަށް މަގުފަހިކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ.
Ads by MACL
