ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ދާއިމީ ޙައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ދާއިމީ ޙައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސްރީލަންކާގެ ރައީސްއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުންތަކުގައި ވިސާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުވެސް މިކަމަށް ލުޔެއް ހޯދުމަށް މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި، މިހާރު ސްރީލަންކާ ސަރުކާރުން މިކަމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ވިސާ ލިބުމުގައި ހުރި ކަންކަން ޙައްލުވެގެން ގޮސް މުޅި މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެކަމުގެ އުންމީދު ބޮޑު. މީގެ ކުރިން އޮތް ހާލަތަށްވުރެވެސް ރަނގަޅު ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް. އެކަން ކުރުމަށް އަމަލީ މަސއްކަތް ކުރެވިގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް އެ ޤައުމުގައި ހުޅުވުމުގެ އުންމީދީ މަގެއް ފެނިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ ލަންކާގައި އުޅޭ ދިވެހިންނަށާއި، ރާއްޖޭގައި އުޅޭ ލަންކާ ރައްޔިތުންނަށްވެސް ލިބިގެންދާނެ ބޮޑު ފަސޭހައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސްރީލަންކާގައި ހުންނަ ދިވެހިންގެ ސަޤާފީ މަރުކަޒު، ސޯސަންވިލާގެ ހާލަތު ރަނގަޅު ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެތަނުގެ އިމާރާތް މަރާމާތުކޮށް، ވަޞީލަތްތައް ތަރައްޤީ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކުޅިވަރު ކުޅޭނެ ވަޞީލަތްތަކާއި ކްލާސްރޫމްތައް ރަނގަޅު ކުރުމުގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި ތަރައްޤީކުރާ ފަދަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެތަނުގައި ޤާއިމުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އައު ފުރުޞަތުތައް ފަހިކުރުމަށް ކުރެވުނު މުހިއްމު މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.