ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލޭ މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން އާ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

މާލޭ މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން އާ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ

މާލޭގެ ގަލޮޅު ސަހަރާގައި މިހާރު ހިންގަމުން އަންނަ މޯޗަރީގެ ޚިދުމަތްތައް ފުޅާކޮށް، އެތަން ހުޅުމާލެއަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ގަލޮޅު މޯޗަރީ ރީލޮކޭޓް ކުރުމަށްޓަކައި ހުޅުމާލޭ ސަހަރާ މިސްކިތުގެ ބިމުގައި އާ އިމާރާތް އަޅައިދޭނެ ބަޔަކު ހޯދުމަށް ކުރި މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުން އޮންނާނީ މި މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި އެ ކައުންސިލްގެ ހޯލުގައެވެ.

މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:30 އަށް ހުޅުވާލާފައިވާއިރު، ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފުކުރަން ނުދާ ފަރާތްތަކާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕްތަކުގެ އިތުރުން، ލޯކަލް އިންވެސްޓްމަންޓްތަކަށާއި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ފަރާތްތަކަށް އެކަނި ކަމަށްވެސް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

މާލޭގައި މޯޗަރީގެ ޚިދުމަތް 1975 ވަނަ އަހަރު ފެށީ އެންމެ ދެ ހަށިގަނޑު ބޭއްވޭނެ ޖާގައާއެކު ކަމަށްވީ ނަމަވެސް، މިހާރު އެތަނުގައި ހަ މީހުންގެ ޖާގަ އޮވެއެވެ.

ކައުންސިލުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން ނިންމީ ޖާގަ އިތުރުކޮށް، މިހާރަށްވުރެ ފުޅާދާއިރާއެއްގައި އެ ޚިދުމަތް ދިނުމުގެ ބޭނުމުގައެވެ.