ހިޔާ ޓަވަރުން ގެއްލުނު 15 އަހަރުގެ އަންހެން ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓެއްގައި ދިރިއުޅޭ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން، އެ ކުއްޖާ ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
އިއްޔެ ހަވީރުން ފެށިގެން ވީނުވީއެއް ނޭނގި ހޯދަމުންދަނީ މާލެއަށް ނިސްބަތްވާ، ނަމަވެސް މިހާރު ހިޔާ ޓަވަރު 16 އެއްގައި ދިރިއުޅެމުންދާ އާއިޝަތު އަލްޔާ އަލީ (15އ) އެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރުއެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި، މަޑު ނޫކުލައިގެ ޖީންސެއްގެ އިތުރުން ކަޅުކުލައިގެ ޝޯލެއް ކަމަށް އާއިލާއިން ބުނެއެވެ.
ފުލުހުން ބުނީ އަލްޔާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި، އެއާއެކު ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް މައުލޫމާތު ހިއްސާކޮށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ އަދި ފެނިފައިނުވާތީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
Ads by MACL
