ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ށ. މިލަންދޫގައި ތަރައްގީކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 21 ހެކްޓަރުގެ ބިން ވަނީ އަލަށް ހިއްކާފައެވެ.

ބިން ހިއްކުމުގެ މަސައްކަތަށް ޖުމްލަ 1،134،534 ކިއުބިކް މީޓަރުގެ ވެލި ވަނީ ބޭނުންކޮށްފައެވެ. މި ބިޔަ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮނުމުގެ އުޅަނދުފަހަރުގެ ތެރޭގައި ހިމެނޭ، 35،000 ކިއުބިކް މީޓަރުގެ ގާބިލްކަން ހުރި "ކުއީން އޮފް ދަ ނެދަލޭންޑްސް" ކޮންނަ ބޯޓު ބޭނުންކޮށްގެންނެވެ.

މިދިޔަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ފެށި މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 31 ދުވަހުގެ ތެރޭގައެވެ. މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

އެއާޕޯޓް މަޝްރޫއަށް ކަނޑައަޅާފައިވާ ޖުމްލަ ސަރަހައްދުގެ ބޮޑުމިނަކީ 25.90 ހެކްޓަރެވެ. މީގެ ތެރޭގައި އަލަށް ހިއްކި 21 ހެކްޓަރުގެ އިތުރުން، ރަށުގެ މިހާރު އޮތް ބިމުން ގަސްތައް ނެގުމަށް ކަނޑައެޅިފައިވާ 4.9 ހެކްޓަރުގެ ސަރަހައްދުވެސް ހިމެނެއެވެ.

ޕްލޭން ކުރެވުނު ގޮތަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ސައްތައަކުން ސައްތަ ނިމިފައެވެ. މި މަޝްރޫއު ނިމުމާއެކު މިލަންދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން މިހާރު ވަނީ ތައްޔާރުވެފައެވެ.