ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފްލެޓަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލް މެދުވެރިކޮށް ލިބޭނެ: އެފްޑީސީ

ފަހި ފްލެޓުތަކުގައި އުޅޭ މީހުންގެ ރަށްވެހިކަން އެތަނަށް ބަދަލުކުރުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު އެފްޑީސީގެ ބޭފުޅުން މަޝްވަރާކުރައްވަނީ.
ފަހި ފްލެޓުތަކުގައި އުޅޭ މީހުންގެ ރަށްވެހިކަން އެތަނަށް ބަދަލުކުރުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު އެފްޑީސީގެ ބޭފުޅުން މަޝްވަރާކުރައްވަނީ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް، އެ ތަންތަނަށް ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ ރަސްމީ ހުރިހާ ލިޔެކިޔުންތަކެއް އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހަމްދާން މިކަން ހާމަކުރެއްވީ، ފްލެޓުތަކުގައި ދިރިއުޅެން ފަށާފައިވާ އާއިލާތަކުން މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީވުމުގައި ކުރިމަތިވާ އިދާރީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ދެއްވި އިންޓަވިއުއެއްގަ އެވެ. އެގޮތުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާ އެއްގޮތަށް، އެއްވެސް "ފިޒިކަލް" ލިޔެކިޔުމެއް ހުށަހަޅަން ނުޖެހޭ ގޮތަށް ޕޯޓަލް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ސިޓީ ކައުންސިލާ އެކު މީގެ ކުރިން ވެސް އެކި ފަހަރު މަތިން މަޝްވަރާކޮށްފައިވާކަން ފާހަގަކުރައްވައި، ހަމްދާން ވިދާޅުވީ ފްލެޓުތަކަށް ރަށްވެހިކަން ބަދަލުކުރުމުގައި މިހާރު އެއްވެސް އިދާރީ ހުރަހެއް ނެތް ކަމަށެވެ. އަދި ފްލެޓު ލިބިފައިވާ ފަރާތްތަކަށް މިހާރުން ފެށިގެން އެ މީހުންގެ ރަޖިސްޓްރީ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވައިފަ އެވެ.

މި މައުލޫއުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެފްޑީސީ ފްލެޓުތަކުގެ އެއްބަސްވުމަކީ "ރެންޓް ޓު އޯން" މޮޑެލްއަށް އޮތް އެއްބަސްވުމަކަށް ވިޔަސް، އެ ތަންތަނުގައި ރަށްވެހިވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ސިޓީ ކައުންސިލުން ކުރިން އެކަމަށް އުޒުރު ދެއްކި ނަމަވެސް، މިނިސްޓަރު ވަނީ އެއީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެފްޑީސީންނާއި މިނިސްޓްރީން ވެސް މިހާރު ވަނީ މި މަރުހަލާ ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކައުންސިލުގައި އެދިފަ އެވެ. މިއާ އެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ 4,000 ފްލެޓުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ހަލުވިވެގެންދާނެ ކަމަށް ބެލެވެ އެވެ.