ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: މުބާރާތުގެ 102 މެޗެއްގެ ވީއައިޕީ ޓިކެޓުތައް އަދިވެސް ނުވިކޭ

ވޯލްޑް ކަޕް 2026: މުބާރާތުގެ 102 މެޗެއްގެ ވީއައިޕީ ޓިކެޓުތައް އަދިވެސް ނުވިކޭ

އަންނަ ޖޫން މަހުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ލަގްޒަރީ ހޮސްޕިޓަލިޓީ ނުވަތަ ވީއައިޕީ ޓިކެޓް ޕެކޭޖްތައް އަދިވެސް ނުވިކޭ ކަމަށާއި އެ ޓކެޓުތައް ވިއްކުމަށް މައްސަކަތް ފަށާފައިވާ ކަމަށް ފީފާއިން ބުނެފިއެވެ.

މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ 104 މެޗުގެ ތެރެއިން 102 މެޗެއްގެ ލްގްޒަރީ ޓީކެޓު އަދިވެސް ނުވިކި ގިނަ އަދަދެއްގެ ޓިކެޓު މިހާރު ވެސް ލިބެން ހުރިކަން ފީފާއިން ވަނީ ހާމަކޮށްފައެވެ.

ފީފާގެ ހޮސްޕިޓަލިޓީ ޕްލެޓްފޯމުން ދައްކާގޮތުގައި، މިހާތަނަށް ޓިކެޓް ހުސްވެފައިވަނީ މެކްސިކޯ އާއި ދެކުނު ކޮރެއާ ބައްދަލުކުރާ ގްރޫޕް އޭގެ މެޗާއި، ސްޕެއިން ކުޅޭނެ ކަމަށް ބެލެވޭ ގަދަ 32 ގެ މެޗަކުން އެކަންޏެވެ. ވިޔަފާރި އިތުރުކުރުމުގެ ގޮތުން ފީފާއިން މިހާރު ވަނީ "ސުއިޓް އެސެންޝަލް" ގެ ނަމުގައި އާ ކެޓަގަރީއެއް ތައާރަފްކޮށްފައެވެ. މިއީ ކުރިން ގްރޫޕްތަކަށް އެކަނި ވިއްކި ސުއިޓްތަކުން ވަކިވަކި ފަރުދުންނަށް ޓިކެޓް ގަނެވޭނެ އިންތިޒާމެކެވެ.

މި ބަދަލުތައް ގެނެސްފައިވަނީ ހޮސްޕިޓަލިޓީ ކެޓަގަރީން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ބަދަލުތަކެއް އައުމާ ގުޅިގެން ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް، ފީފާއިން ބުނަނީ ޖުމްލަ ޓިކެޓް ސޭލްސް ހުރީ ލަފާކުރި މިންވަރަށްވުރެ މަތީގައި ކަމަށާއި، ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ގޮތަށް އުފެއްދުންތައް ބަދަލުކުރަމުންދާ ކަމަށެވެ.

އާ ކެޓަގަރީގެ އަގުތަކާއި މަރުހަލާތައް


އަލަށް ތައާރަފްކުރި ސުއިޓް އެސެންޝަލްސް ޓިކެޓްތަކުގެ އަގު ފެށެނީ 650 ޑޮލަރުންނެވެ. މި ޕެކޭޖްގައި ސުއިޓަކަށް ވަނުމުގެ ފުރުސަތާއި، ނަންބަރު ޖެހި ގޮނޑިއެއްގެ އިތުރުން ލުއިކާނާ އާއި ހަނދާނީ ހަދިޔާއެއް ހިމެނެއެވެ. މި ކެޓަގަރީގެ ޓިކެޓްތައް ކޮލަމްބިއާ އާއި ކޮންގޯ ބައްދަލުކުރާ މެޗާއި، އުރުގުއޭ އާއި ސްޕެއިން ބައްދަލުކުރާ މެޗު ހިމެނޭހެން 10 މެޗަކުން ލިބެން ހުންނާނެއެވެ.

ފީފާއިން މިހާރު ވަނީ ޓިކެޓް ވިއްކުމުގެ ހަތަރުވަނަ އަދި ފަހު މަރުހަލާ ފަށާފައެވެ. މީގެ އިތުރުން، ޑިމާންޑަށް ބަލައި ޓިކެޓްގެ އަގުތަކަށް ބަދަލު ގެނައުމުގެ ބާރު ފީފާއަށް ލިބިގެންވާ "އެޑެޕްޓިވް ޕްރައިޒް"ގެ ސިޔާސަތެއްވެސް ދަނީ ބޭނުންކުރަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން، ހާއްސަކޮށް އެމެރިކާގެ ސަޕޯޓަރުން ތިބީ މުބާރާތް ކައިރިވުމުން އަގުތައް ދަށްވާނެ ކަމުގެ އުންމީދުގައެވެ.

ޓިކެޓް ވިއްކުމުގެ މި ސިޔާސަތުތަކާ ގުޅިގެން ފުޓްބޯޅަ ސަޕޯޓަރުންގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ފީފާގެ ޓިކެޓިންގް ސިޔާސަތުތަކުގައި ދެފުށް ފެންނަ ގޮތް ކުޑަ" ކަމަށް ބުނެ ޔޫރަޕިއަން ކޮމިޝަނަށް މިދިޔަ މަހު ވަނީ ޝަކުވާއެއްވެސް ހުށަހަޅާފައެވެ.