ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާފުށިން ވަށްމާފުށްޓަށް: ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

މާފުށިން ވައްމާފުއްޓަށް ޒިޕްލައިންގައި ދިއުމުގެ ތަޞައްވުރެއް --- ފޮޓޯ: އޭއައި
މާފުށިން ވައްމާފުއްޓަށް ޒިޕްލައިންގައި ދިއުމުގެ ތަޞައްވުރެއް --- ފޮޓޯ: އޭއައި

ކ. މާފުށިން އެ ރަށާ ގާތްގަނޑަކަށް 430 މީޓަރު ދުރުގައި އޮންނަ ވަށްމާފުށި ޕިކްނިކް އައިލެންޑަށް ޒިޕްލައިނުން ދަތުރުކުރެވޭ ގޮތް އެމްއެޗްއާރު ކުންފުނިން މިވަނީ ތައްޔާރުކޮށްފައެވެ.

މިއީ ރާއްޖޭގެ ދެ ރަށެއްގެ ދެމެދުގައި މިފަދަ ވަސީލަތަކުން ގުޅާލި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ އެއް ރަށުން އަނެއް ރަށަށް ކޭބަލްކާރު އެޅުމުގެ ހިޔާލު މީގެ ކުރިން ފެންމަތިކުރެއްވި އަބްދުﷲ ޖާބިރުގެ ތަސައްވުރާ އެއްގޮތަށް ހަގީގަތަކަށް ވެގެންދިޔަ ތަޖުރިބާއެކެވެ.

މި ހިތްގައިމު ދަތުރު ފެށިގެންދަނީ މާފުށީގެ އަތިރިމަތީގައި ހަދާފައިވާ ހަތް ބުރީގެ އުސް ޓަވަރަކުންނެވެ. ދަތުރު ފެށުމުގެ ކުރިން ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ތަމްރީން ލިބިފައިވާ މުވައްޒަފުން ބަލަމުންދާއިރު، ހެލްމެޓާއި ބެލްޓް އަދި ސޭފްޓީ ކޭބަލްގެ އެހީގައި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރެއެވެ. ގާތްގަނޑަކަށް 56 ސިކުންތުގެ މި ދަތުރުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، މޫދުގެ ނޫކުލަ އާއި އިރުއޮއްސޭ ވަގުތުގެ ރަންކުލަ މަތިން ފެނިގެންދާނެއެވެ.

އެމްއެޗްއާރުގެ ހިއްސާދާރު އަދި ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު މުހައްމަދު އާސިމް (އައިބީ) ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުގައި ޒިޕްލައިންތައް ހުރި ނަމަވެސް، މާފުށީގެ މި ދަތުރު ވެގެންދާނީ ދުނިޔޭގެ އެންމެ ރީތި އެއް ޒިޕްލައިން ދަތުރަށެވެ. މި މަޝްރޫއު ފިޒިކަލް ގޮތުން ފަރުމާކޮށްފައިވަނީ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ މިންގަނޑުތަކަށް ބަލައިގެން، މެލޭޝިޔާގެ މަޝްހޫރު ކުންފުންޏަކާ ގުޅިގެންނެވެ. ހާއްސަކޮށް ވަށްމާފުށްޓަށް ލޭންޑްކުރާ ވަގުތު ގްރެވިޓީ ފޯސް ދަށްވާ ގޮތަށް ހެދުމަކީ ދަތުރުވެރިންނަށް ލިބޭނެ އިތުރު ހިތްހަމަޖެހުމެކެވެ.

މި މަޝްރޫއާއެކު ވަށްމާފުށީގައި އިތުރު އާ ތަޖުރިބާތަކެއް ވެސް ކުރިއަށް އޮތް ތަނުގައި ތައާރަފްކުރާނެއެވެ. އޭގެ ތެރޭގައި ޖައްވުގައި ތިބެގެން ކެއުމުގެ އިންތިޒާމް ހަމަޖެހޭ "ސްކައި ޑައިނިން" އާއި މޫދު އަޑީގެ ރެސްޓޯރެންޓް ފަދަ ވަސީލަތްތައް ހިމެނެއެވެ. މިހާރު ވެސް އެ ރަށުގައި ރޮމޭންޓިކް ޑިނާ އާއި، ވޮލީ އަދި ބާސްކެޓް ކުޅެވޭނެ އިންތިޒާމްތަކުގެ އިތުރުން 150 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެއް ވަނީ ގާއިމްކޮށްފައެވެ.

ކުންފުނީގެ އަމާޒަކީ މާފުށީގެ ވިޔަފާރިތަކާ ވާދަކުރުމުގެ ބަދަލުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް އާ އީޖާދެއް ގެނެސްދީ މުޅި ދުނިޔޭގެ ސަމާލުކަން މި ސަރަހައްދަށް ހޯދައިދިނުމެވެ. ސުނާމީގެ ސަބަބުން ގިރައިގެން ގޮސް ކުޑަވެފައި އޮތް ވަށްމާފުށި އަލުން ހިއްކައި، މިފަދަ ޒަމާނީ ވަސީލަތަކުން މާފުއްޓާ ގުޅާލުމަކީ ދިވެހި ޓޫރިޒަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ. މި މަހު މި ހިދުމަތް ރަސްމީކޮށް ހުޅުވާއިރު، ޓަވަރަށް އެރުމަށް ލިފްޓެއްގެ ހިދުމަތް ވެސް ލިބޭނެއެވެ.