އައްޑޫގެ ވިޔަފާރިވެރިންނަށް ޚާއްޞަ ފުރުޞަތުތަކެއް ހުޅުވާލައި ފޯރަމެއް ބާއްވަނީ
އައްޑޫ ސިޓީއަކީ ވިޔަފާރީގެ މައި ހަބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، އެ ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ޚާއްޞަ ފޯރަމް މި މަހުގެ 13 އަދި 14 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާން ކުރައްވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މި ފޯރަމަކީ އައްޑޫގެ އިޤްތިޞާދު އާ އުސްމިންތަކަކަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ސަރުކާރުން ދޭން ނިންމާފައިވާ ޚާއްޞަ އިނާޔަތްތަކާއި ލުއިތަކުގެ ތަފްޞީލްތައް މި ބައްދަލުވުމުގައި ވިޔަފާރިވެރިންނާ ހިއްސާކުރެވޭނެއެވެ.
މި ފޯރަމްގައި ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެކި ބާވަތްތަކުގެ ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް އޮޅުންފިލުވައި، ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގައި ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާ، މަސްވެރިކަމާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަދި މާލީ ވުޒާރާ ފަދަ ކަމާގުޅުންހުރި ގިނަ މުއައްސަސާތަކަކުން މި ބައްދަލުވުމުގައި ބައިވެރިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އައްޑޫގެ އިޤްތިޞާދަށް އަންނާނެ އަނެއް ބޮޑު ބަދަލަކީ ހިތަދޫ ވިޔަފާރި ބަނދަރުގައި 'ފްރީ ޒޯން' ނުވަތަ މިނިވަން ވިޔަފާރީގެ ސަރަހައްދެއް ޤާއިމުކުރުން ކަމަށް ސަރުކާރުން ހާމަކުރެއެވެ. މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށުމަށް ތައްޔާރުވަމުންދާ މަސައްކަތެއް ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން އައްޑޫ ސިޓީ މިފަދަ ހާއްސަ އިޤްތިޞާދީ ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކުރުމަކީ މުޅި ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކޮށް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
Ads by MACL
