ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ ޕްރެސް ކޮންފަރެންސް: 300 ސުވާލު، 15 ގަޑިއިރު، ދުނިޔޭގެ ސަމާލުކަމަށް!

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިއްޔެ ބޭއްވެވި ތާރިޚީ ނޫސްވެރިންގެ ބައްދަލުވުން، ދުނިޔޭގެ މީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ފެއްޓެވީ ހެނދުނު 10:00ގައެވެ.

މި ބައްދަލުވުން މެންދަމު ގާތްގަނޑަކަށް 01:00 ޖެހުމާއި ހަމައަށް ދެމގެންދިޔައެވެ. ހަމައެކަނި ނަމާދު ވަގުތުތަކަށް 15 ވަރަކަށް މިނެޓަށް މެދުކަނޑާލި ނޫސްވެރިންގެ މިބައްދަލުވުން 15 ގަޑިއިރަށް ދެމިގެންދިޔައިރު، އެ ހުރިހައި ވަގުތެއްގައިވެސް ރައީސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގެންދެވީ ކޮޅަށް ހުންނަވައިގެން އެއްވެސް ފޫހިކަމެއް އަދި ވަރުބަލިކަމެއްވެސް ނެތި ސާބިތުކަމާއެކުއެވެ.

ނޫސްވެރިން ކުރެއްވި ކޮންމެ ސުވާލަކަށް ޖަވާބުދެއްވައި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި ދޫކޮށްލައްވާފައިނުވެއެވެ. މިއީ ރާއްޖޭގެ ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރަށް ދުނިޔޭގެ ލީޑަރަކުވެސް ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. އެހެންކަމުން މި ތާރިޚީ ނޫސްވެރިންގެ ބައްދަލުވުމަށް ވަނީ ދުނިޔޭގެ މީޑިއާގެ ސަމާލުކަން ލިބިފައެވެ.

ޖުމްލަ 36 ނޫސްވެރިން ބައިވެރިވެ، އެ ނޫސްވެރިން ބޭނުން ކޮންމެ ސުވާލެއް ބޭނުން ދާއިރާއަކުން ކުރެއްވުމުގެ ފުރުޞަތު އެއްވެސް ހިފެހެއްޓުމެއްނެތި ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ރެކޯޑުކުރެވިފައިވާގޮތުގައި ޖުމްލަ 300އަށްވުރެ ގިނަ ސުވާލު ނޫސްވެރިން ރައީސާއި ކުރައްވާފައިވެއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ދުނިޔޭގެ ރިކޯޑެކެވެ. ކުރިން މި ރެކޯޑުއޮތް ޔޫކްރެއިންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ، 2019 ވަނަ އަހަރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން 14 ގަޑިއިރަށް ދެމިހެންދިޔައިރު، ބެލަރޫސިއަމްގެ ލީޑަރު އެލެކްސެންޑަރ ލުކަޝެންކޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ދެމިގެންގޮސްފައިވަނީ 7 ގަޑިއިރަށެވެ. އެކަން ނޫސްތަކުގައި ވަނީ ފާހަގަކޮށްފައެވެ.